ރައީސް މުއިއްޒުގެ ސަރުކާރުގެ ދަތުރުފަތުރަށް މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ތިން މިލިއަން އިތުރަށް މިއަހަރު މިހާތަނަށް ހޭދަވެ، ދަތުރުފަތުރުގެ ޖުމްލަ ހަރަދު 231 މިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ މާލީ ހިސާބުތަކުން އެނގޭ ގޮތުގައި، ބަޖެޓުގައި ދަތުރުފަތުރަށް ކަނޑައަޅާފައިވަނީ 228 މިލިއަން ރުފިޔާ އެވެ.
ނަމަވެސް މާލީ ހިސާބު ދައްކާ ގޮތުން ސަރުކާރުން ވަނީ 228 ހުރަސްކޮށް 231 މިލިއަން ރުފިޔާ ދަތުރު ފަތުރަށް ހޭދަކޮށްފަ އެވެ.
މި އަހަރު ދަތުރުފަތުރަށް ކޮށްފައިވާ ހޭދަ މިދިޔަ އަހަރުގެ އެ ހަރަދާ އަޅާބަލާއިރު ގާތްގަނޑަކަށް ހަތް ޕަސެންޓު އިތުރެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުފަތުރަށް ހޭދަކުރީ 216 މިލިއަން ރުފިޔާ އެވެ.
ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައްވެސްވަަނީ އިތުރުވެފަ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އަހަރުން އަހަރަށް އެވެރެޖުކޮށް %15 އިން ހަރަދުތައް ދިޔައީ ބޮޑުވަމުންނެވެ.
ފާއިތުވި އަހަރުގެ ނޮވެންބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުވެފައިވަނީ 39.7 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ އެ މުއްދަތުގައި 40.3 ބިލިއަން ރުފިޔާ ހަރަދުވި އެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު ހަރަދު އިތުރުވީ 1.4 އިންސައްތައިންނެވެ.
ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ ރިކަރަންޓު ހަރަދެވެ.
ބަޖެޓުން އިތުރަށް ބޮޑު ހޭދައެއް ދަތުރު ފަތުރަށް ހޭދަކުރިއިރު، މި ސަރުކާރު ވެރިކަމަށް އައި ފަހުން ބޮޑެތި މާ ސިންގާ ވަފުދުތަކާއިއެކު ބޭރު ގައުމުތަކަށް އަންނަނީ ގިނަ ދަތުރުތަކެއް ކުރައްވަމުން ނެވެ. ބައެއް ދަތުރު ތަކުގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތުން 7 ނުވަތަ 8 ވަޒީރުންނާއި އެކު މުޅި ދަތުރުގައި 100 އަށްވުރެ ގިނަ ބައިވެރިން ވެސް ވަނީ އެއް ދަތުރެއްގައި ބައިވެރި ކުރައްވާފަ އެވެ.
ނަމަވެސް އެބުރި މާލެ ވަޑައިގަންނަވަނީ ދަތުރުގައި ނެންގެވި ފޮޓޯތަކާއި އެއާޕޯޓްތަކުގެ ޑިއުޓީ ފްރީ ފިހާރަތަކުން ބައްލަވާގަންނަވާ އަގުބޮޑު ގަހަނާ އެވެ.
މިފަހުން ރައީސް މުއިއްޒު އާރަށަށް ވަޑައިގަންނަވަން ހަފްތާއަކު 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރައްވާ މައްސަލައެއްވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އާރަށު ދަތުރުތަކަށް ގާތް ބޭފުޅުން ގެންދަވާއިރު އެ މީހުންގެ ކެއިންބުއިން ފަދަ ހަރަދުތަކަށް ވެސް ބޮޑު އަދަދެއް ހޭދަކުރާކުރެ އެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ބުނަމުން ދާއިރު ބޭރުކަރަތަކަށާއި އާރަށަށް މިހާ ބޮޑު ހޭދައެއް ކުރާކަން ހާމަވުމުން އާންމުންގެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.