ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ދުނިޔޭގެ އެއްވެސް މާލީ އިދާރާއަކުން މި ސަރުކާރުން އަޅާ ފިޔަވަޅުތަކަށް ތާއީދުކޮށްފައި ވާހަކައެއް ނުދައްކާ: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
24 ނޮވެމްބަރު 2024
މާލެ ސިޓީ

ދުނިޔޭގެ އެއްވެސް މާލީ އިދާރާއަކުން މި ސަރުކާރުން އަޅާ "މާލީ ފިޔަވަޅު" ތަކަށް ތާއީދުކޮށް ވާހަކަ ނުދައްކާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޗެނަލް13އަށ ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ މި އަންނަ އަހަރަށް ފާސްކުރާ ބަޖެޓުގެ ތެރޭގައި ހަރަދު ކުޑަކުރަން މުހިއްމު ފިޔަވަޅުތަކެއް އެބަހުރި ކަމަށާއި އެކަމު އެއީ، ސަރުކާރުގެ ތެރެއިން ހަރަދު ކުޑަނުކޮށް ރައްޔިތުންގެ އެންމެ އަސާސީ ދާއިރާތަކުން އެމީހުންނަށް އިތުރަށް ގެއްލުންތަކެއް ލިބޭނެ ކަންކަން ކަމަށެވެ.

މިކަމުން މިސާލެއް ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް ތެލުގެ ސަބްސިޑީ ކަނޑާލާ ކަރަންޓް ސަބްސިޑީ ކަނޑާލުމުން ކަރަންޓް ބިލުތައް ވެސް އުފުލިގެން ދާނެ ކަމަށާއި ކާޑުގެ ސަބްސިޓީ ކަޑާލާ އަދި ކާޑުން ޑިއުޓީ ނުނަގާނެ ކަން ވެސް ނޭނގޭ ކަމަށެވެ.

ވަރަށް ގިނަ ސަބްސިޑީތައް ކަނޑާލައިފި، ދެން މި ސަރުކާރުގެ ހެލްތް މިނިސްޓަރު ދޯ އެ ވިދާޅުވީ އާސަންދައަކީ ސަރުކާރުގެ ބަޖެޓަށް އޮތް ބޮޑު ބުރައެކޭ. ދެން އެއާއެކު މިބުނަނީ އާސަންދަ ނާޖާއިޒްކޮށް މީހުން ބޭނުން ހިފަނިއްޔޭ، ދެން ތެދެއްމެ އާސަންދަ ރަނގަޅު ކުރަން ޖެހެންނާ ރަނގަޅު ނުކުރާށޭ ބުނަނިއްޔެއް ނޫން.. އެކަމަކު ހަމައެއާއެކު އެބަ ވިދާޅުވޭ އާސަންދަގެ 60 ޕަސެންޓަކީ ބޭސް ނަގަން ދިޔަ ހަރަދޭ، ބޯހަމަ ޖެހޭ މީހަކު ވިއްޔާ ބުނާނެތޯ ބޭސްނަގާނެ ތޯ ހަމަ އެއް ވެސް ބޭނުމެއް ނެތި. ބޭސް ކާލަން ބޭސް ނަގާނެ ތޯ..؟ އެހެންވީމަ އެނެއް 40 ޕަސެންޓް އެއީ ނާޖާއިޒް ފައިދާ ނެގިއްޔާ ނަގާފަ ހުންނާނީ.. 60 ޕަސެންޓަކީ މީހުންގެ ބައްޔަށް ޑޮކްޓަރުން ލިޔެދީފަ ހުރި ބޭސް ހިއެއް ނުވޭ މީހަކު މަޖާކޮށްލާކަށް ނޫނީ އާސަންދަ ހުސްކޮށްލާކަށް ބޭސް ނަގައިގެން ބޭސް ކާނެ ހެނެއް.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އާސަންދައަކީ އެންމެ ނިކަމެތި ރައްޔިތުންނަށް ދައުލަތުން ދޭ އެހީ ކަމަށެވެ. ނަމަވެސް އާސަންދަ އަށް ވެސް ހަރަދު ކުޑަކުރުމުގެ ބަދަލުތަކެއް އައުމާއިއެކު ފަގީރުންގެ ފަގީރުކަން އިތުރަށް ފަގީރުވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މީހުންގެ އަތްމަތި ތަނަވަސް ނުވާ ކަމަށާއި ޑޮލަރުން ދިވެހި ރުފިޔާގެ އަގު މައްޗަށް ދިއުމުގެ ނަތީޖާއަކީ އެކަން އެޖެސްޓް ކުރުމަށް މާލޭގެ ރެންޓް ބޮޑުވެ، ދިރިއުޅުމުގެ ހަރަދާއި މިހުރިހާ އެއްޗެއް ބޮޑުވެގެން ދިޔުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވަރަށް ގިނަ މީހުންނަކީ މުސާރަ ވެރިންކަމަށާއި މުސާރަވެރިންގެ މުސާރަތައް ބޮޑު ނުވާނަމަ ކުރަންޖެހޭ ހަރަދު އިތުރު ވީކަމަށެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކެއް މަޖުބޫރުވެގެން ނަމަވެސް ދެން އެނޫން ގޮތެއް ނެތިގެން އެކަން ކޮށްފާނެ ކަމުގެ އިޝާރާތެއް މިފަހަރު މިފެންނަނީ އަންނަ އަހަރަށް ފާސްކުރާ ބަޖެޓުން ކަމަށެވެ.

އެ ބަޖެޓުގެ ތަފްސީލު ތަކެއް ނުލިބޭ، ނުވެސް ދެއްވާނެ އެހެންވީމަ އަޅުގަނޑަކަށް ހަމަ ނުބުނެވޭނެ އިނގޭތޯ ދުނިޔޭގެ އެއް ވެސް މާލީ އިދާރާއަކުން މި ސަރުކާރުން މި އަޅާ ފިޔަވަޅުތަކަށް ތާއީދުކޮށްފައި ވާހަކައެއް ދައްކާފަކައެއް ނެތް، ދެން ކްރެޑިޓް ރޭޑިން ތި ވިދާޅުވީ ދެ ދަރަޖަ ފަހަތަށް ނޫނިއްޔާ އެތައް ދަރަޖައެއް ފަހަތަށް ދިޔައީ، ދެން އޭގަ ވެސް މި އަންނަނީ ސިޔާސީ ކުލަ ޖެހިގެން އަންނަ "ސްޕިންތައް" މި އަންނަނީ އެއީ، އެއް ބޭފުޅަކު ދައުލަތުގެ ވަޒީރަކު ވިދާޅުވެފައި އެބަ އޮތް ކްރެޑިޑް ރޭޓިން ދަށްކޮށްގެން މި އުޅެނީ އިޒްރޭލު ޕާސްޕޯޓް ހިފަހައްޓާނެ ތިއްޔޭ..

- ރައީސް ޔާމީން

ރައީސް ޔާމީން ދެން ކުރެއްވީ ސުވާލެކެވެ.

ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުން ކްރެޑިޓް ރޭޓިން ދަށްވެގެން ދިޔައީ އިޒްރޭލް ޕާސްޕޯޓް ހިފަހައްޓައިގެން ތޯ ކަމަށެވެ..؟

މި ސުވާލަށް ޖަވާބު ވެސް ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ޖަވާބަކީ "ނޫން" ކަމަށާއި އެމަނިކުފާނުގެ ސަރުކާރުކާރުގައި އިޒްރާއީލް މެދު ނަގައިފަ އޮތީ ވަރަށް ޓަފް ސްޓޭންޑެއް ކަމަށެވެ. އެގޮތުން އިޒްރޭލުގެ މުދާ ރާއްޖެ އިންޕޯޓް ކުރުން ހުއްޓުވާލި ކަމަށެވެ. ނަމަވެސް ކްރެޑިޓް ރޭޓިން ބީ ޕްލަސް ގައި ހިފެހެއްޓުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވީމާ "ސެންސިވްލީ" އެކްސްޕްލޭން ނުކޮށްދެވޭ އެތައް ވާހަކަ އެއް ރައްޔިތުންނަށް އެކި ގޮތްގޮތަށް ސްޕިން ކޮށްފަ ދެއްކީމަކާ ރަނގަޅެއް ނޫން، ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނަކީ އެބޭފުޅުން ދައްކަވާ ވާހަކަ ރައްޔިތުން އަޑުއަހާ ބައެއް، އެހެން ވީމަ ތެދު ބަހުން ވާހަކަ ދައްކާ އަދި އެ ވާހަކަތައް ތެދުވެރި ވާން ވާނެ

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތާއި ގުޅޭ ކަންކަމާއި ދައުލަތުގެ އެންމެ މުހިއްމު އެންމެ ބޮޑެތި ކަންކަމާއި ބެހޭ ގޮތުން ސިޔާސީ ޕޯޑިއަމްގައި ވާހަކަ ދައްކާ ގޮތަށް ވާހަކަ ދެއްކެވީމާ ރައްޔިތުންނަށް އެހާ ފަސޭހައެއް ނުވާނެ ކަމަށެވެ. އަދި އެކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ.

ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗްއިން ރާއްޖޭގެ ރޭޓިން ވަނީ "ސީސީސީ ޕްލަސް"އަށް ދަށްކޮށްފަ އެވެ.  އެއީ މާލީ ހާލަތު ގޯސްވެ، ދަރަނި ނުދެއްކިދާނެ ފަދަ ވަރަށް ބޮޑު ފުރުސަތެއް އޮތް ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

އަދި ބޭރުން ފައިސާ ނުލިބިއްޖެ ނަމަ ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ދިޔުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ލަފާކޮށް ދުނިޔޭގެ ކްރިޑިޓް ރޭޓިން އެޖެންސީ، މޫޑީސްއިން ވެސް ރާއްޖޭގެ ރޭޓިން ވަނީ ސެޕްޓެމްބަރު މަހު ދަށްކޮށްފަ އެވެ.

ކްރެޑިޓް ރޭޓިންއަކީ އިންވެސްޓަރުންނަށް އެ މީހުންގެ އިންވެސްޓުމެންޓުގެ ފައިދާ ނެގޭނެ މިންވަރާއި އެ ގައުމެއްގެ ދަރަނި އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާކުރެވޭ އިންޑިކޭޓަރެކެވެ. އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ރަނގަޅު ކްރެޑިޓް ރޭޓިންއެއް މުހިއްމުވަނީ މި ސަބަބާހުރެ އެވެ.

ކްރެޑިޓް ރޭޓިން ދަށްވުމަކީ އިންވެސްޓަރުންނަށް އޮތް ރިސްކު ބޮޑުކަން އަންގައިދޭ އިންޑިކޭޓާއެއް ވެސް މެއެވެ. މިއީ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކޭ ހާލަތަށް އިގުތިސާދު ގޮސްދާނެ ކަމަށް ބެލެވޭ "މާލީ އިންޒާރެ" ކެވެ. އޭގެ އިތުރުން، ރޭޓިން ދަށްވުމުން އިންވެސްޓަރުންގެ ކޮންފިޑެންސް ވެސް ރާއްޖެއަށް ގެއްލޭނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ބޭރު އިންވެސްޓުމަންޓު ގެނައުން ވާނީ ބޮޑު ގޮންޖެހުމަކަށެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved