
ރައީސް މުހައްމަދު މުއިއްޒަކީ ވެރިކަމާ ކައިރިކުރަން ހެޔޮވާވަރު ބޭފުޅެއް ނޫންކަން ފާއިތުވެގެން ދިޔަ އެއް އަހަރު ދިވެހި ރައްޔިތުންނަށް ހާމަވެއްޖެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ 2028 ވަނަ އަހަރު ޕީއެންސީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ނުބާއްވާނެ ކަމަށް އެ ޕާޓީގެ ޗެއަރ އަދި މަޖިލިސް ރައީސް އަދުރޭ ވިދާޅުވެފައިވާ ކަމަށް "ސަން" އޮންލައިންގައި ޝާއިއުކޮށްފައިވާ ޚަބަރެއްގެ ސްކްރީން ޝޮޓު ހިއްސާކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އަދުރޭގެ ވާހަކަތަކަށް ރައްދު ދެއްވާ މަލީހު ވިދާޅުވީ 2028ގެ ރިޔާސީ ރޭހުގައި ރައީސް މުއިއްޒުގެ ނަމެއް ﷲގެ އިރާދަފުޅުން ނޯންނާނެ ކަމަށާ އަދުރޭ ފާޑުފާޑުގެ ވާހަކަ ދައްކަނީ ސަރުކާރު ތެރެއިން ނަންގަވާ ކޮޅުދާލި މަދުވެދާނެތީ ކަމަށެވެ.
މީގެ އިތުރުން ރައީސް މުއިއްޒަކީ ވެރިކަމާ އަދި ދައުލަތުގެ ބައިތުލްމާލާ ވެސް ކައިރިކުރަން ހެޔޮނުވާނެ މީހެއްކަން ފާއިތުވި އަހަރުން ދިވެހިންނަށް ޔަޤީންވެއްޖެކަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް މުއިއްޒުގެ އެއް އަހަރަކީ ދިވެހި ގައުމުގައި ކޮރަޕްޝަން އިންތިހާއަށް ދިޔަ އެއް އަހަރު ކަމާ ކަރަދުތަކަސް ބެލުމެއް ނެތި ވެރިން އައްޔާޝީ ކުރުމުގައި ހޭދަކުރި އެއް އަހަރު ކަމަށް ގިނަ ރައްޔިތުން ބުނަމުން ދާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލެވެއެވެ.










