ރާއްޖޭގެ ސަރަަހައްދުން އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓެއްގައި 468 ކިލޯގެ މަސްތުވާތަކެތި ހުރިކަން ހާމަވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ، ފުލުހުންގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި ،ައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ލަންކާގެ އެ މަސްބޯޓު އަތުލައިގަތީ މަކުނުދޫ ބޭރުން ކަމަށެވެ. އަދި އެ ބޯޓުގެ މައުލޫމާތު އެނގުނީ ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފުން ރިޕޯޓުކުރުމުން ކަަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ސީޕީ ވިދާޅުވި ގޮތުގައި މިހާރު އެ ބޯޓު އޮތީ ހދ. ކުޅުދުއްފުށީގައި ބަނދަރުކޮށްފައެވެ. އަދި "އަށަންޕުތަ" ނަމަކަށް ކިޔާ އެ ބޯޓުގައި ތިބީ ފަސް ފިރިހެނުން ކަމަށާއި އެއީ ލަންކާ މީހުން ކަމަށް ސީޕީ މައުލޫމާތުދެއްވިއެވެ.
އެ ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި ކަމަށާ އަދި މިއަދުގެ ކޯސްޓު ގާޑުގެ ބޭފުޅުންނާއި ކުޅުދުއްފުށި ސިޓީގެ ފުލުހުން ބަލައި ފާސްކުރި އިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު އޭގެ ނަތީޖާތކުން 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ފެނުނު ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
އަތުލައިގަތް މަސްތުވާތަކެތި އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަަމަށް ވެސް ސީޕީ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ މިއީ މިވަގުތު މައުލޫމާތު ހިއްސާކުރެވެން ހުރި މައުލޫމާތު ކަމަށާއި އަދި ތަހުގީގުކުރިއައްދާ ވަރަަކުން މައުލޫމާތު އިތުރަށް ހާމަކުރައްވާނެ ކަަމަށެވެ.
ސީޕީ ވިދާޅުވީ ލަންކާގެ ބޯޓާ، ދިވެހި ރާއްޖޭގެ އެއްވެސް ޑްރަގް ނެޓްވޯކަކާ ގުޅުމެއް ވާކަމެއް އަދި ނޭނގޭ ކަމަށާއި، މިވަގުތު އެކަމާ ގުޅިގެން އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއިން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.