ހަތިޔާރު އެލީ އިންޑިއާ ސިފައިންގެ ބަޔަކު ރާއްޖޭގެ މަސް ދޯނިތަކަކަށް އަރައި ބިރު ދެއްކި މައްސަލައިގައި ތިން ސުވާލެއްގެ ޖަވާބު ހޯދަން ދިފާޢީ ވަޒީރު ޣައްސާން މައުމޫނު ހާޒިރުކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ހަސަން ޒިޔާއުވަނީ މިކަން ޗެނަލް13އަށް ކަށަވަރުކޮށްދެއްވާފައެވެ. ޒިޔާއު ވިދާޅުވީ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާ ޝަރުތު ފުރިހަމަވާނަމަ މައްސަލަ ބަަލައިގަންނާނެ ކަމަށެވެ.
ޗެނަލް13 އަށް މައުލޫލާމތު ލިބިފައިވާ ގޮތުގައި ހަސަން މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ތިން ސުވާލެއްގެ ޖަވާބު ޣައްސާން މެދުވެރިކޮށް ހޯދުމަށް ހުށަހަޅާފައެވެ.
އޭގެ ތެރޭގައި ހިމެނެނީ މިކަން ހިނގާފައި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރޭގައި ކަން ނުވަތަ އެ ސަރަހައްދުން ބޭރުގައި ކަން މިހާރު ސަރުކާރަށް ކަށަވަރު ކުރެވިފައިވޭތޯ ސާފުކުރުމަށާ، އެކަން ހިނގައިދިޔަ ތަފްސީލު މަޖިިލީހަށް ހޯދުމުގެ އިތުރުން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިތޯ ސާފުކުރުމަށެވެ.
މަޖިލިސް ގަވައިދުގެ 76 ވަނަ މާއްދާގެ ދަށުން ހަސަން ހުށަހެޅުއްވި ގަރާރުގައި ވަނީ މިއީ 'ދިވެހިން އިންތިހާއަށް ކަންބޮޑުވެ ބިރުގެންފައިވާ ކަމެއް' ކަމަށް ވިދާޅުވެފައެވެ.
މައްސަލަ ދިރާސާ ކުރުމަށްފަހު ޝަރުތުތައް ފުރިހަމަ ވާ ނަމަ ސުވާލުގެ ނޯޓިސް މަޖިލިސް ރައީސް މެދުވެރިކޮށް، ވަޒީރަށް ފޮނުއްވުމަށް ފަހު 14 ދުވަހުގެ ނޯޓިސް ވަޒީރަށް ދޭނެއެވެ.
ޑިފެންސް މިނިސްޓްރީން މިދިޔަ ހުކުރުވދުވަހު ނެރުނު ބަޔާނުގައިވާ ގޮތުން އެ ދޯނިތަކަށް މިދިޔަ ބުދަދުވަހު އިންޑިއާގެ ކޯސްޑް ގާޑުގެ ސިފައިން އަރާފައިވަނީ، އެ މަސްވެރިން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދަނިކޮށެވެ. އަދި އެކަން ކޮށްފައިވަނީ ސަރުކާރަށް އެނގުމެއް ނެތި، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރި ސަބަބު ހާމަކޮށް ޖަވާބުދާރީ ވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާއަށް އަންގާފައިވާނެ ކަން ވެސް ހާމަކޮށްފައިވެއެވެ.