ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަބުރުފުޅަށް އަރައިގަތް ކަމަށްބުނެ ގދ. ގައްދޫ ކައުންސިލުގެ ރައީސް މުހައްމަދު އަހުމަދަށް ފިޔަވަޅު އަޅަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފި އެވެ.
މުހައްމަދު އަހްމަދުގެ މައްސަލަ ބަލަން އެދި އަތޮޅު ކައުންސިލް ރައީސް ހަސަން ފައިހަތަށް އެލްޖީއޭ އިން އެ ސިޓީ ފޮނުވާފައިވަނީ މި މަހު 18ގަ އެވެ.
އެލްޖީއޭގެ ރައީސް މުހައްމަދު ނިމާލް ސޮއިކުރައްވައި، އެ އަތޮޅު ކައުންސިލްގެ ރައީސް ފައިހަތަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ގައްދޫ ކައުންސިލްގެ ރައީސް، ރައީސް މުއިއްޒުއަށާއި ސަރުކާރުގެ އިސްވެރިންގެ އަބުރަށް އަރައިގަތީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕެއްގައި ކަމަށެވެ.
ނަމަވެސް މުހައްމަދު ފޮނުއްވި މެސެޖުތަކުގެ ތަފުސީލެއް ސިޓީގައި ނެތެވެ. ނިމާލް އަންގަވާފައިވަނީ މައްސަލަ ބަލާ އެކަން އިސްލާހުކުރުމަށް އެންގުމަށެވެ. ނަމަވެސް މި އެންގުމާ ގުޅިގެން އަތޮޅު ކައުންސިލުން މިހާތަނަށް ގައްދޫ ރައީސަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދަކީ ޕީޕީއެމް ޓިކެޓްގައި މަގާމަށް އިންތިހާބުވެވަޑައިގެންފައިވާ ފަރާތެކެވެ. ނަމަވެސް، ރައީސް އަބްދުﷲ ޔާމީން ޕީޕީއެމުން ވަކިވެ ވަޑައިގަތް ފަހުން ގައްދޫ ކައުންސިލްގެ ރައީސް ވަނީ މި ސަރުކާރަށް ތާއީދު ނުކުރައްވަން ނިންމަވާފަ އެވެ.
މި އަހަރުގެ ތެރޭގައި ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުތަކަކާ ގުޅިގެން ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ޕާޓީގެ ސިޔާސީ ކެމްޕެއިން ކުރިއަށް ގެންދާ ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނަކާ ގުޅިގެން އެ ބަޔާން ބާތިލް ކުރަން އެންގި މައްސަލައެއް ވެސް ބޮޑުވި އެވެ.