

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މަނީ ލޯންޑަރިންގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށާއި އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި ހީނާ ވަލީދު މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލެންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ "މޫކައި ސުއިޓްސް"ގައި އެންސްޕާ ހިންގަމުން އައީ އޮފީހެއްގައި ވަރަށް ކުޑަ ގޮތަކަށް ކަމަށާއި ނަމަވެސް ބުރިބުރިއަށް ހުރި ތަނެއް ކުއްޔަށް ހިފަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެންސްޕާ އިން ކޮށްފައިވަނީ އެ ކުންފުނީގެ ބޭނުމާއި ނުބައްދަލު ކަމެއް ކަމަށާއި މިކަމުގެ ވާހަކަތައް މީޑިއާ އަށް ތިލަވުމުން ދެން އެއްބަސްވުމުން ބާތިލުކުރި ނަމަވެސް އެއީ ނުކުރާ ހިޔާނާތަކަށް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
މިއޮތީ މަނީ ލޯންޑާކޮށްފައި. މިހާ ހިސާބުން މުއިއްޒު އެބަ ވިދާޅުވެދެއްވަންޖެހޭ ރައްޔިތުން ކައިރީގައި މޯލްޑިވްސް މީޑިއާ ހައުސް އަކީ ތިމަންނަގެ ތަނެއް ނޫނޭ. އެހެން ނުވާ ކަމަށްވާނަމަ މުޅި ރައްޔިތުން ގަބޫލުކުރަނީ މިއީ މުއިއްޒުގެ ޓީވީ ކަމަށް. ހީނާ އެބަޖެހޭ މަގާމުން ދުރަށްދާން،
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ނަޒާހަތްތެރިކަމުން ބަލާ ކަމަށްވާނަމަ އެ ބޭފުޅުން ދުރަށްވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. ބަޔާންތައް ނެރެ ފާރުގައި ބޭސް އަޅާ ނައްޓާ ގޮތަށް މިކަން ކުރުމަކުން ގޯސްކޮށް ކޮށްފައި އޮތް ކަމެއް ރަނގަޅެއް ނުވާނެ ރައީސް ޔާމީން ވިދާޅުވި އެވެ.
"އެމްއެމް ޓީވީ" ޗެނަލް އަކީ ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓް ކުރުމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް އިސްވެ ހުންނަވައި، ލޯންޗްކުރި ޓީވީ ޗެނެލް އެއް ކަމަށް ވެއެވެ.
ފަނަރަ ބުރިއަށް ހަދާފައިވާ މއ. ސީރާޒީގެއިން ހަތަރު ފަންގިފިލާއެއް އެމްއެމްޓީވީ އަށް ކުއްޔަށް ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެތެރެއިން އެންސްޕާއަށް ކުއްޔަށް ދިނީ ދެ ފަންގިފިލާ ކަމަށް އިތުބާރުކުރެވޭ މަސްދަރުތަކުން މައުލޫމާތު ދީފައިވެ އެވެ. ސީރާޒީގޭގެ ޖުމުލަ ބޮޑުމިނަކީ 4365 އަކަފޫޓެވެ.
އެންސްޕާއިން ބޭނުންވާ 12،000 އަކަފޫޓުގެ ޖާގަ ލިބޭނީ ސީރާޒީގޭގެ ތިން ފަންގިފިލާއިންނެވެ. ދެ ފަންގިފިލާ ކުއްޔަށް ނަގާފައި ވާނަމަ އެއީ 8730 އަކަފޫޓެވެ.
އެންސްޕާގެ އޮފީސް ހިންގަން، ރައީސް މުއިއްޒުގެ މަސްލަހަތު އޮތް މޯލްޑިވްސް މީޑިއާ ހައުސިން އޮފީސް އިމާރާތެއް ކުއްޔަށް ދީފައި ވަނީ މަހަކަށް 580،000ރ. އަށެވެ. އެއީ ފަސް އަހަރަށް 34.8 މިލިއަން ރުފިޔާ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް އިދިކޮޅު އެމްޑީޕީން ހުށަހެޅިއެވެ. ނަމަވެސް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލައިގައި ޝަރުތު ހަމަނުވާކަމަށް ނިންމައި، ބޭރުކޮށްލައިފަ އެވެ.
މި މައްސަލަ ބޮޑުވެ މިހާރު ތަހުގީގީ އިދާރާތަކުން މި މައްސަލަ އަންނަނީ ބަލަމުން ނެވެ