ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮތް ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ ކަރުގައި ފުން ފަސް ޒަހަމެއް ހުރި ނަމަވެސް، އޭނާ މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް މިހައިތަނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މަރާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީޕް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވީ ޒަކިއްޔާ މަރުވެފައި ވަނީ ކަރަށް ލިބުނު ފުން ޒަހަމްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކަރުގެ ދެ ފަރާތަށް ފުން ޒަހަމްތަކެއް ލިބިފައިވާއިރު، ކަރުގެ މެދުގައި ތިލަ ޒަހަމްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޒަކިއްޔާ އޮތީ މަރުވެފަ އެވެ.
ސާމިހު ވިދާޅުވީ އެ މައްސަލާގައި ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން ތޫނު އެއްޗަކުން އޭނާގެ ކަރުގެ ކަނާތް އަދި ވައަތް ފަރާތަށް ފުންކޮށް ގިނަ ޒަޚަމްތަކެއް ލިބިފައި ހުރިކަމަށެވެ. އަދި ކަރުގައި މެދާއި ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ލިބިފައި ހުރި ކަމަށް ސާމިހު ވިދާޅުވި އެވެ.
އަދި ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ގުދަނުން ވެސް ޒަކިއްޔާ ގަދަ ހަދާފައިވާ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ސާމިހު ވިދާޅުވި އެވެ.
ހެސިޓޭޝަން މާކު އެބަހުރި. ތިލަކޮށް ކަރުގައި ހުރި ޒަޚަމް އެއީ ޑޮކްޓަރުންގެ ރައުޔުން ބުރަވެވެނީ އެއީ ހެސިޓޭޝަން މާކު ކަމަށް
ސާމިހު ވިދާޅުވި ގޮތުގައި ޒަކިއްޔާ މަރުވެފައި އޮތް ސީންގައި އޭނާގެ ކައިރީ އޮތް ވަޅިއާއި އޭނާގެ ހެދުމުގައި ވެސް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އަދި އެ ވަޅީގައި ހުރި ލެއަކީ ޒަކިއްޔާގެ ލޭ ކަމަށް ވެސް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް ޒަކިއްޔާގެ ކަރުގައި ފެންނަން ހުރި ޒަހަމްތަކަކީ އެ ވަޅިން ލިބިފައިވާ ޒަހަމްތަކެއްތޯ ނުވަތަ ނޫންތޯ ފުލުހުން ހާމައެއްނުކުރެ އެވެ. ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތުތައް ހިއްސާކުރެވޭނީ މުޅި ތަހުގީގު ނިމުމުންނެވެ.
އޭގެ އިތުރުން ޒަކިއްޔާގެ މަރުވެފައި އޮއްވާ ފެނުނު ތަނަށް އިތުރު މީހަކު ވަދެ އޭނާއަށް ހަމަލާދިން ކަމުގެ އެއްވެސް ނިޝާނެއް ވެސް ފެންނަން ނެތް ކަމަށް ވެސް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ސާމިހު ވިދާޅުވީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތަކަށް ބަލާއިރު ކުނި ނަގަން ވަތް މީހާ ފިޔަވައި އޭގެ ކުރިން އެގޭތެރެއަށް އެއްވެސް މީހަކު ވަދެފައި ނުވާ ކަމަށެވެ.
ފުލުހުން ގޮސް ސީން ބަންދުކުރީ މާ ލަހުން ކަމަށް ރަށު ތެރޭގައި ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ޝަފީއު ވިދާޅުވީ ހެކި ނައްތާލެވޭ ފަދަ މާހައުލެއް ރަށުގައި ނެތް ކަމަށާއި ފުލުހުންނަށް މައުލޫމާތު ލިބުނުތާ ހަތަރު މިނެޓު ވެސް ނުވަނީސް ސީންއަށް ގޮސް ސީން ރައްކާތެރި ކުރި ކަމަށެވެ.