ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ޕީޕީއެމް
ސިޔާސީ
ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ މަސައްކަތް ނުކުރޭ: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޑިސެމްބަރު 2024
މާލެ ސިޓީ

ގާނޫނު ހަދާ މަޖިލީހުގައި ގާނޫނު ދެމެހެއްޓުމުގެ ވާހަކަ ވެސް ނުދައްކާ ކަމަށާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ މަސައްކަތް ނުކުރާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސިލްސިލާކޮށް ޕީއެންއެފް އިން ބާއްވަމުންދާ ފްރޮންޓް އޮފީސް ޖަލްސާގައި ހޯމަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މިހާރު ހިނގަނީ ގާނޫނީ ހުކޫމަތް ނުހިނގާ ދައުލަތެއް ކަމަށެވެ.

އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރަކާއި އަދި އެ އޮފީހުގެ ތަރުޖަމާނު މީގެއިތުރުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ގުޅިގެން ރައީސް މުއިއްޒުގެ ގާތް ބޭފުޅަކަށް ދައުލަތުގެ ފައިސާއިން ޓީވީ ޗެނަލެއް ހިންގަން ހަރަދުކުރިކަން ފަޅާއެރުމާއި ގުޅިގެން ނެވެ.

މޯލްޑިވްސް މީޑީއާ ހައުސްގެ ނަމުގައި އުފައްދާފައިވާ ކުންފުނިން ދާދި ފަހުން ފެށި "އެމްއެމް ޓީވީ" ޗެނަލް އަކީ ރައީސް މުހައްމަދު މުއިއްޒު ޕްރޮމޯޓްކުރުމަށް ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް އިސްވެ ހުންނަވައި، ލޯންޗްކުރި ޓީވީ ޗެނެލް އެއް ކަމަށް ރާއްޖޭގެ ބައެއް މީޑީއާ ތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމްއެމް ޓީވީ ހެދުމަށް ދައުލަތުގެ ފައިސާ ލޯންޑަރ ކުރިކަން ފެންނަން އެބައޮތް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ އެންސްޕާއިން އޮފީސް އިމާރާތެއް ކުއްޔަށް ހިފަން އިއުލާންކުރުމަށް ފަހު މީޑިއާ ހައުސްއަށް ދިނީ ބިޑްކުރުމުގެ އުސޫލުތަކާ ވެސް ހިލާފަށް ކަމަށެވެ.

ގާނޫނުގައި މިހާރު ވެސް އޮވޭ ނުހައްގު މުއްސަނދިކަން ހޯދި ކަމަށް ބެލެވޭނަމަ ސުވާލުކުރަން ޖެހޭނެ ކަމަށް. ސަރުކާރު ބައެއް ކުންފުނިތަކުގެ ވެރިންގެ ފަރާތުން މި ފެންނަނީ މުސާރައާ ނުބައްދަލު މުއްސަނދި ދިރިއުޅޭ ތަން މި ފެންނަނީ، ރާއްޖޭގައި މިހާރު ހިނގަނީ ގާނޫނީ ހުކޫމަތް ނުހިނގާ ދައުލަތެއް..

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ނަޒާހަތްތެރިކަމުން ބަލާ ކަމަށްވާނަމަ އެ ބޭފުޅުން ދައުލަތުގެ މަގާމުން ދުރަށްވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. މިއީ ބޮޑު ސިންގާ މަނީލޯންޑަރިންގެ މައްސަލައެއް ކަމަށެވެ. ބަޔާންތައް ނެރެ ފާރުގަނޑުގައި ބޭސް އަޅާ ނައްޓާ ގޮތަށް މިކަން ކުރުމަކުން ގޯސްކޮށް ކޮށްފައި އޮތް ކަމެއް ރަނގަޅެއް ނުވާނެ ރައީސް ޔާމީން ވިދާޅުވި އެވެ.

މީޑިއާތަކުގައިވާ ހަބަރުތަކަށް ބަލާއިރު އެންސްޕާއިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 34.8 މިލިއަން ރުފިޔާގެ ކަރަޕްޝަން ހިމެނޭ މި ޑީލުގެ ދަށުން، މީޑިއާ ހައުސްއިން ހަމަ އެ އިމާރާތުން 4 ފަންގިފިލާ ވަނީ ކުއްޔަށް ހިފާފައިވެ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved