ސިޔާސީ މަގާމުތައް އަދި ވެސް އަންނަނީ އިތުރުކުރަމުން / ރައީސް އޮފިސް
ހަބަރު
މަގާމުތައް މަދެއްނުވި، މި ފަހަރު ސަރުކާރުން އުފެއްދި މަގާމުގެ ނަމަކީ "ކޮމިޝަނާ އޮފް ރިފޯމް"
Qudhrathullah Ameen
ގުދުރަތުﷲ އަމީން
04 ޑިސެމްބަރު 2024
މާލެ ސިޓީ

ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ އެކިއެކި ދާއިރާތައް ރިފޯމް ކުރުމާ ބެހޭ މަސައްކަތްތައް ހަލުވި ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އޮފީހެއް ގާއިމުކޮށް އެ އޮފީހުގެ "ކޮމިޝަނާ އޮފް ރިފޯމް"ގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ މަގާމުގެ ޒިންމާތައް ކަމުގައި މިނިސްޓްރީގެ ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވަނީ އިގުތިސާދީ އަދި އެސްއޯއީ އަދި މާލީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރުން އެކުލަވއލާފައިވާ ނޭޝަނަލް ރިފޯމް އެޖެންޑާ އެކުލަވައިލާ ތަންފީޒުކުރުމެވެ. އަދި އިސްތިރާޖީ އެޑްވައިސް ދިނުމާއި އަޅަންވީ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީއަށް ބުނެދިނުމަކީވެސް ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ.

އަދި އެންމެ ރަނގަޅު ސިޔާސަތުތަކާ އެއްގޮތަށް ގައުމީ ފެންވަރުގެ ސްޓޭކް ހޯލްޑަރުންނާއި އިންޓަނޭޝަނަލް ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކުރުމާއި، މެކްރޮއެކޮނޮމިކް އިސްތިގުރާރާއި ވިލުންތެރިކަން އިތުރުކުރުމަށް އެހީތެރިވެ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އޮނިގަނޑުތައް އިސްލާހުކުރުމުގެ މަސައްކަތް ވިލަރެސްކޮށް ކުރިއަށްގެންދިއުމަކީވެސް ރިފޯމް ކޮމިޝަނަރުގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވެ އެވެ.

ރިފޯމު ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 8، ގެ މެންދުރު 2:00 އާ ހަމައަށެވެ. މި މަގާމަށް އަންނަ ފަރާތަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭ ފައިސާގެ އަދަދެއް އިއުލާނުގައި ހިމަނާފައެއް ނެތެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންގެ ރިކަރަންޑް ހަރަދު ބޮޑުވެ އިގްތިސާދީ ދާއިރާ އިސްލާހުކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ބޮޑު ކްރެޑިޓް ރޭޓިންގ އޭޖިންސީ ތަކުން އަންނަނީ ލަފާ ދެމުން ނެވެ.

އެންމެ ފަހުން ހުށަހެޅުނު 2025 ވަނަ އަހަރުގެ ބަޖެޓުގައި މެދު ރާސްތާގެ ހަރަދުތައް އަދިވެސް މަތީ މިންވަރެއްގައި ހުރިކަން ވަނީ ފާހަގަކޮށް ސަރުކާރުގެ ސިޔާސީ މަގާމުތަށް މަދުކޮށް އިސްރާފް ކުޑަކުރަން މަސައްކަތް ނުކުރެވޭނަމަ ދައުލަތް ބަގްރޫޓް ވެދާނެ ކަމަށް އަންނަނީ ލަފާ ދެމުންނެވެ.

އަންނަ އަހަރު ދަރަނި ދައްކަން ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭއިރު، ޖެހިގެން އަންނަ 2026 ވަނަ އަހަރު އެ އަދަދު އެއް ބިލިއަން އާ ގާތްކުރެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ އަދަދު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.

ނަމަވެސް ސަރުކާރުން އަދި ވެސް އަންނަނީ ސިޔާސީ މަގާމުތައް އުފައްދަމުން ނެވެ. އެންބަސީތައް ހުޅުވަމުން ނެވެ. މިކަމުން އާންމު ރައްޔިތަކށް ވާ ފަސޭހައެއް މޮޅެއް ނެތެވެ. ބައެއް މިނިސްޓްރީ ތަކުގައި އިށީންނާނެ ގޮނޑި މޭޒު ނެތް މިންވަރަށް ސިޔާސީ މަގާމުތަކަށް މީހުން ވަނީ އައްޔަނުކޮށްފަ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 4,000 އަށްވުރެ އިތުރުވާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved