ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އޮކްޓޯބަރު މަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، ސިޔާސީ މުވައްޒަފުން ވަކިކުރި އަދަދުކަމަށް ބުނެ ސަރުކާރުގެ ތަރުޖަމާނު ހާމަކުރެއްވި އަދަދާއި ރައީސް އޮފީހުގެ އަދަދު ދިމާނުވާކަން ހާމަވެއްޖެއެވެ.
އެގޮތުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ނޮވެމްބަރު 1 ވަނަ ދުވަހު ކުރެއްވި އެކްސް ޕޯޓްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ.
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ޚަރަދު ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކުގެ ތެރެއިން، މިހާތަނަށް 31 އޮކްޓޯބަރު 2024 ގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުންވަނީ މަދުކުރެވިފައި.
— Heena Waleed (@MvSpokesperson) November 1, 2024
ހަމަ އެއާއެކު ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ، ކުރުންތެރިކަން އިތުރު…
ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަހުމަދު އަފްރާހު އިސްމާއީލް ނަމަކަށް ކިޔާ އަމިއްލަ ފަރާތަކުން އެ މުއްދަތުގައި ވަކިކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި އެމީހުންގެ ނަންތައް ހޯދުމަށް ހުށަހެޅުމުން މިއަދު ރައީސް އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ 228 މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ވަކި ކުރި ފަރާތްތަކުގެ ނަމާއި މަގާމު އަދި މަސައްކަތްކުރި މިނިސްޓްރީއަކީ ޒާތީ މައުލޫމާތުކަމަށް ބުނެ ވަނީ ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާއިރު ސަރުކާރުން އެކި މަސްދަރުތަކުން އެ މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ހާމަކުރި މައުލޫމާތު މިވަނީ ދިމާނުވެކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުން ބުނި އަދަދުތައް ދިމާ ނުވުމުން ގިނަ ބަޔަކު ގެންދަނި މިކަމުގައިވެސް ސަރުކާރުން ދޮގު ހަދައިފި ކަމަށްބުނެ ނުރުހުން ފާޅުކުރަމުންނެވެ.