"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 15 އޯގަސްޓް 2023 ވަނަ ދުވަހު އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅަކަށެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕާސްޕޯޓު ހިފަހައްޓައި އެމަނިކުފާނު ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެ ދުވަހު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ކެމްޕޭން މުއިއްޒުގެ އުފަން ރަށް ހއ. ވަށަފަރުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ރައީސް ސޯލިހު ހިފައި ހައްޔަރުކުރުމަށް ގޮވާލައިފަ އެވެ. އަދުރޭ ވިދާޅުވީ ރައީސް ސޯލިހު އަކީ އަނިޔާވެރިއެއް ކަމަށާއި އެމަނިކުފާނަށް ރާއްޖެއިން ފިލައިގެން ނުދެވޭނެ ކަމަށެވެ.
އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެން މި ނުކުންނަނީ އަނިޔާވެރިޔާ ހިފާ ހައްޔަރުކުރާށޭ. ފިލައިގެން ރައްކަލެއް ނުވެވޭނެ. އަޅުގަނޑުމެންގެ ވެރިކަމަށް އަންނަ ގޮތަށް ޕާސްޕޯޓު ހިފަހައްޓާނަން. ސުވާލެއް ނޯންނާނެ,.
ރައީސް ޔާމީން ޖަލަށް ލައިގެން އެމަނިކުފާނަށް ކުރަމުންގެންދިޔަ އަނިޔާގެ އެންމެ ބޮޑު މޭސްތިރިއަކީ ރައީސް ސޯލިހު ކަމަށް އަބްދުއްރަހީމް އެދުވަހު ވިދާޅުވި އެވެ.
ތި ހުރިހާ ބޭފުޅުން ކަޅުއޮއްފުންމިއެއްގައި ނުކުމެވަޑައިގަންނަވަންވީ އިބްރާހިމް މުހައްމަދު ސޯލިހު ހިފައި ހައްޔަރު ކުރަން. ވެރިކަން ނިމިގެން ފުރައިގެން ދިޔަ ދީގެން ނުވާނެ. އޭނާ މި ގައުމަށް ގައްދާރުވެފައި ހުރީމަ ހައްގު އަދަބު ދޭންޖެހޭ. ހިޔާނާތްތެރިޔަކަށް ދޭން ޖެހޭ އަަދަބު ދޭން ޖެހޭ. އަނިޔާވެރިއަކަށް ދޭން ޖެހޭ އަދަބު ދޭން ޖެހޭ..
އަބްދުއްރަހީމް އެދުވަހު އިތުރަށް ވިދާޅުވީ ރައީސް ސޯލިހު ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދަވާ ކަންކަމަށް ހައްގު އަދަބު ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ދޭނެ ކަމަށެވެ.
މިއަދު މިއޮތީ އެދުވަހު އަބްދުއްރަހީމް އުންމީދު ކުރެއްވި ވެރިކަން ޕީޕީއެމް/ޕީއެންސީ އަށް ލިބިފަ އެވެ.
ނަމަވެސް މިއަދު "ވަމުންދާގޮތް" ބައްލަވާށެވެ. އަބްދުއްރަހީމްގެ "ބުނި ބަސް" ދިމަލެއްނުވިއެވެ.!