

ޕީއެންއސީގެ ޗެއަރޕާސަންގެ މަގާމުުގައި ހުންނެވި އަބްދުއްރަހީމު އަބްދުﷲ މިއަދު އެ ޕާޓީގެ ޖަގަހަ ޖަލްސާތަކުގައި ފެނިގެން ދަނީ މޮނިއުމަންޓެއްގެ ގޮތުގައި ބައިންދާފައި އިންނަ މަންޒަރު ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއވެެ.
ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ޕީއެންސީ ދަނީ އޮޔާ ކަމަށާ އަދި ވެރިކަމަށް އާދެވުނީ ވެސް ހުސް ގޮނޑިއެއް ދައްކައިގެން ކަމަށްވީއިރު މިއަދު އެ ގޮނޑިއަކީ އަބްދުއްރަހީމުއަށް ބެހެއްޓި ގޮނޑިއެއްކަމަށް ޕީއެންސީއިން ބުނާ ކަމަށެވެ.
ނަމަވެސް މިއަދު ފެނިގެން ދަނީ އަބްދުއްރަހީމުއާ މެދު ވަރަށް ދެރަވަރުކޮށް އަމަލުކުރަމުން ގެންދާ މަންޒަރު ކަމަށާ އެގޮގޮތުން ޕީއެންސީގެ ޕޯޑިއަމުން ވެސް މިއަދު އަބްދުއްރަހީމުއަށް ޖާގަނުދޭ ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު އިތުރަށް ވިދާޅުވީ އަބްދުއްރަހީމު މިއަދު ސިފަވެގެން ދަނީ ޕީއެންސީގެ ޖަގަހަ ޖަލްސާތަކުގައި ބައިންދާފައި އިންނަ މޮނިއުންމަންޓެއްގެ ގޮތުގައި ކަމަށާ އަބްދުއްރަހީމާ މެދު ހަމްދަރުދީ ވެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް ޕީއެންއެފުގެ ޕޯޑިއަމުން އަބްދުއްރަހީމަށް ޖާގަ ދޭނީ ޕީއެންއެފްގެ މެމްބަރުން ކަމަށާ މެމްބަރުން ގަބޫލުނޫން ނަމަ އެ ފުރުސަތުވެސް ޕީއެންއެފްަށްވެސް ދެވެން ނެތް ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހުގެ ވާހަކައާ ގުޅިގެން ޕީއެންއެފްގެ ޖަލްސާގެ ޕޯޑިއަމުގައި ތިބި ގިނަ ބަޔަކު ވަނީ އެ ޖާގަ ދެވެން ނެތް ކަމަށް ބުނެފައެވެ.
އަބްދުއްރަހީމު ޕީއެންސީގެ ހަރަކާތްތަކުން ވަރަށް ބޮޑަށް ފެއަށް ޖައްސާފައިވަނީ އޭނާގެ ދަރިފުޅު އިބްރާހިމު ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރުމުން ރައީސް މުހައްމަދު މުއިއްޒުއާ އަބްދުއްރަހީމުގެ ގުޅުން ހީނަރުވެގެން ދިޔަ ދަނޑިވަޅުގައެވެ. އަބްދުއްރަހީމު ކުރިން ވިދާޅުވެފައިވާ ގޮތުގައި ރައީސް މުއިއްޒުއާ ގުޅުން ރަގަޅު ނަމަ އެ ނިންމުން ނިންމުމުގެ ކުރިން ރައީސް މުއިއްޒު އޭނާއާ މަޝްވަރާވެސް ކުރެއްވީސްކަމަށެވެ.
ނަމަވެސް ރައީސް މުއިއްޒު އެންެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އަބްދުއްރަހީމު އާ އެއްވެސް އިރެއްގައި ގުޅުން ގޯސްނޫން ކަމަށެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވިއިރު އެ ދުވަސްވަރު ރައީސް މުއިއްޒުގެ ސީދާ އެންގެވުމަށް، ޕީއެންސީގެ މައި އޮފީހުގައި ހުރި އަބްދުއްރަހީމުގެ ކެބިންގެ ތަޅު ބަދަލުކޮށް އެއޮފީހަށް ނުވަނުމަށްވެސް އަބްދުއްރަހީމަށް އެންގި ކަމަށް އަޑުތައް ފެތުރުނެވެ.