ޕީއެންސީ ޓިކެޓަކީ އަބްދުއްރަހީމް އެތައް ބަޔަކަށް އޮޅުވާލުމަށްފަހު ރައީސް ޑރ މުއިއްޒަށް ވިއްކި ޓިކެޓެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ / ސޯޝަލް މީޑިއާ
ސިޔާސީ
ޕީއެންސީ ޓިކެޓަކީ އަބްދުއްރަހީމް އެތައް ބަޔަކަށް އޮޅުވާލުމަށްފަހު ރައީސް ޑރ މުއިއްޒަށް ވިއްކި ޓިކެޓެއް: ރައީސް ޔާމީން
Hussain Nawaf
ހުސައިން ނަވާފް
25 ފެބްރުއަރީ 2025

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީ ޓިކެޓަކީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެތައް ބަޔަކަށް އޮޅުވާލުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒަށް ވިއްކި ޓިކެޓެއްކަމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ފްރަންޓް އޮފީސް ޖަލްސާގައި މިދިޔަ އާދީއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން ކަންކަން ކުރަނީ ވަރަށް އިހާނެތިކޮށްކަމަށް ރައީސް ޔާމީންވަނީ ފާހަގަ ކުރައްވާފައެވެ. ސަރުކާރުގެ އެކި މަގާމުތަކުގައި ތިބީ އެ މަގާމުތަކަށް ކުފޫ ހަމަނުވާ މީހުންކަމަށް ފާހަގަކޮށް މިއަދު މުޅި ގައުމުގައި އޮތީ ކޮރަޕްޝަނާއި ވައްކަންކަމަށް އެމަނިކުފާނުވަނީ ފާހަގަ ކުރައްވާފައެވެ.

މި ތަންތަނަށް ލައްވާފައި ތިބި މީހުންގެ ގޮތް އިނގޭ ނޫންތޯ؟ މިއީ އަބްދުއްރަހީމް ވަގަށް އެތައް ބަޔަކަށް އޮޅުވާލައިގެން ރައީސް ޑރ މުއިއްޒަށް ވިއްކި ޓިކެޓެއް. އެހެންވީމަ އަބްދުއްރަހީމާއި މުއިއްޒާއި ބައި އަޅައިގެން ކުރި ކަންތައްތަކެއް. އަބްދުއްރަހީމްގެ މީހުންތަކެއް ވައްކަން ކުރަން އެބަ ތިބި. މުއިއްޒުގެ މީހުންތަކެއް ވައްކަން ކުރަން އެބަ ތިބ. އެހެންވެގެން ރޯ، އެއްވެސް ކަހަލަ ފެންވަރެއް ނެތް މީހުންތަކެއް ލައިގެން މިއުޅެނީ.

- ރައީސް ޔާމީން

ސަރުކާރުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ އަމަލުތައްދަނީ ތަހުގީގު ނުކުރެވިކަމަށް ވިދާޅުވެ ރައީސް ޔާމީންވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެކަމާއި ގުޅިގެން މީގެ ކުރިންވެސް ފުލުހުންނަށް އެމަނިކުފާނުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ހުރިހާ އިދާރާއެއްގައި މިހާރު އޮތީ ކޮރަޕްޝަން ކަމަށާއި އަދި ރައީސް ޑރ މުހައްމަދު މުއިއްޒު ކޮރަޕްޝަނާއި ދެކޮޅުނަމަ މިއިން ކޮންމެ މީހަކަށް ހުންނަން ވާނީ ފިޔަވަޅުއެޅިފައި ކަމަށާއި އެމީހުންގެ މައްޗަށް ފިޔަވަޅު ނޭޅި ތަހުގީގު ނުހިންގާ ތިބެނީ މިކަމުގެ ތަހުގީގު ފެށުމުން ރައީސް މުއިއްޒުގެ ނަން ވެސް އަންނާތީ ކަމަށް ރައީސް ޔާމީންވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved