ހެޔޮ ކަމެއް ކޮށްދޭނަމަ ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ރާއީ އެދިއްޖެ / އެމްޑީޕީ
ސިޔާސީ
ހެޔޮ ކަމެއް ކޮށްދޭނަމަ ރައީސް މުއިއްޒު އިސްތިއުފާ ދެއްވަން ރާއީ އެދިއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 ޑިސެމްބަރު 2024
މާލެ ސިޓީ

ދިވެހިރާއްޖެއަށް ހެޔޮ ކަމެއް ކޮށްދޭނެނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ އެދިލައްވައިފި އެވެ.

ރާއީ އެފަދައިން ވިދާޅުވީ "ގާނޫނުއަސާސީގެ ދިފާއުގައި - ބޮޑު ސައްލާ" ނަމުގައި އެމްޑީޕީ ހަރުގޭގައި ކުރިއަށް ގެންދިޔަ ސައްލާގަ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުންނެވެ.

ރާއީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ވައުދުތަކާއެކު ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ވައުދެއް ނުފެއްދޭ ކަމަށާއި، އިތުރު ދޮގުތައް ހައްދަވަމުން ގެންދަވާ ކަމަށް ރާއީ ވިދާޅުވި އެވެ.

އަޅުގަނޑުމެން ނިކަމެތިކޮށްފި.ވެރިކަމުގައި ހުންނަވައިގެން މަނިކުފާނު މިގައުމަށް ހެޔޮ ކަމެއް ކޮށްދެއްޏާމުން ކޮށްދޭންވީ އެންމެ ކަމެއް. ކޮށްދޭންވީ އެންމެ ކަމެއް. މަނިކުފާނު އިސްތިއުފާ ދޭންވީ

- މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ

ރައީސް މުއިއްޒު އެކިއެކި ސިފަސިފައިގައި ފެންނަކަން ފާހަގަކުރައްވައި ރާއީ ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީ ހިންގެވުމަށް މިނިސްޓަރު އައްޔަން ކުރައްވާފައިވީ ނަމަވެސް އެތަންތަނުގެ ވެރިއަކީ އަދި މޫނަކީ ރައީސް މުއިއްޒު ކަމަށެވެ.

މި ސައްލާގައި ވާހަކަދައްކަވަމުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އިކްރާމް ހަސަން ވަނީ މަސްވެރިންނާއި، ދަނޑުވެރިން އަދި އެހެނިހެން ދާއިރާތަކަށް ވެސް މި ސަރުކާރުން ދިނީ އިހާނެތިކަން ކަމަށް ވިދާޅުވެފައެވެ.

މިހާ އަވަހަށް ރައްޔިތުން މިހާބޮޑަށް މާޔޫސްކޮށްލި ސަރުކާރެއް ނާންނަކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ އާއްމު ރައްޔިތުން މާޔޫސްވާ އިރު އެމްޑީޕީން ނުނިކުންނަކަމުގެ ޝަކުވާ އާއްމުން ކުރަމުންދާ ކަމަށާއި ޑިސެމްބަރ 10 ވަނަ ދުވަހު އެމްޑީޕީން ނުކުންނަނީ އެ އަޑު އަހައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސައްލާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މިއަދު ވެރިކަމުގައި ތިބީ ގާނޫނުއަސާސީ ގެނިޔަ ނުދިނުމަށް މަސައްކަތްކޮށް ދިވެހި ރައްޔިތުންނާއި މެދު އަނިޔާވެރިކޮށް އަމަލުކުރި ބޭފުޅުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސަތުތައް ރައީސް ޑރ.މުހައްމަދު މުއިއްޒު ކަނޑައަޅުއްވަނީ ގޭތެރޭގައި ދެކެވޭ ވާހަކަތަކުގެ މައްޗަށް ކަމަށާއި އެއީ ރައީސަކަށް ހުންނަވާ ބޭފުޅަކަށް އޮތް ބާރެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރައްޔިތުންގެ ކަންކަން ނިންމަން ޖެހޭނީ ދިވެހިންނާއި މަޝްވަރާކޮށްގެން އުސޫލުތަކުގެ ތެރެއިން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އަދި މިހާރު ކަންކަން ދާގޮތަށް ދާ ނަމަ ރައީސަށް ގަބޫލުކުރެވޭ ހާލަތުގައި ސިޔާސީ ޕާޓީތައް ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން އުވާލެވިދާނެކަމަށާއި އެހެންނަމަވެސް އެއީ ގާނޫނު އަސާސީން ޖާގަދޭ ކަމެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މި ސައްލާގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މިސަރުކާރު މިދާ މިސްރާބު ގޯސްކަމާއި، ގާނޫނު އަސާސީއަށް މިސަރުކާރުން ބޯނުލަބާކަން ވަރަށް ސާފުވެފައިވާ ކަމަށެވެ.

އެހެންކަމުން 10 ޑިސެންބަރު 2024 ގައި ކާނިވާގައި ބާއްވާ ޖަލްސާގައި ހުރިހާ ރައްޔިތުން ބައިވެރިވެ، ރައްޔިތުން ސަރުކާރާ މެދު ނުރިހިފައިވާ މަންޒަރު ސަރުކާރަށް ދައްކައިދޭންޖެހޭ ކަމަށެވެ. މުޅި ސަރަހައްދު ފުރާލަންޖެހޭ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved