ކޮންމެ ދުވަހަކުވެސް ދައްކަން މިޖެހެނީ އެއް ވާހަކައެކެވެ. މުޅިންވެސް ދައްކަން މިޖެހެނީ މި ސަރުކާރުން ވައުދުތައް ނުފުއްދާ ވާހަކައެވެ.
ޑރ މުއިއްޒު ގައިގައި ހުރިބާރެއްލާ ރައްޔިތުން ކައިރީ ވައުދުތައް ވީ އެޔެއްމިޔެއް ބެލުމެއް ނެތި އެވެ. ވެރިކަން ހޯދަން އެދުވަހު ރައްޔިތުން ގާތު ދެއްކި ވާހަކަތައް ކަނޑުއަޑިޔަށް މިއަދު ގެނބިގެން ގޮއްސިއެވެ. މިއަދު އެވާހަކަތައް ދެއްކި ކަމަކަށްވެސް ނުވެއެވެ.
މިކަމާ ގުޅިގެން ރައްޔިތުން ނުރުހުން ފާޅު ކުރީމަ ދެން މި ބުނަނީ ސަރުކާރާ އިދިކޮޅުވަނީ އެވެ. ރައްޔިތުން މިއަދު މަސައްކަތް ކުރަނީ ސަރުކާރު ޖަވާބު ދާރީ ކުރާށެވެ. ސަރުކާރާ އިދިކޮޅު ވާކަށެއް ނޫނެވެ.
ޑރ މުއިއްޒު ކެމްޕެއިން ދުވަސްވަރު އެންމެ ގަދަޔަށް ދެއްކެވި ވާހަކަ ޑރ މުއިއްޒު ހަދާން ނެތުނެއް ކަމަކު މިއަދު ހުރިހާ ރައްޔިތުން ހަނދާން އެބަހުއްޓެވެ. ކެމްޕެއިން ދުވަސްވަރު ކޮންމެ ދުވަހަކު ތިން ހަތަރު ރަށަށް ގޮސް ޕޯޑިއަމް މަތީ ހުރެ މި ބުނަމުންދިޔައީ ރައީސް ޔާމީން މިނިވަން ކޮށްދޭަނަމޭ އެވެ. ޝަރުއީ ނިޒާމް މިނިވަން ކޮށްދޭނަމޭ އެވެ.
މިއަދު އެވާހަކަތައް ކަނޑުއަޑީގައި ވަޅުލެވިއްޖެއެވެ. އެވާހަކަތައް ދެއްކި ކަމަށްވެސް ނުވެއެވެ. ސަރުކާރުގެ ރާގު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ.
ވެރިކަމަށް ކެމްޕެއިން ކުރެއްވި އިރު ކުރިމަތީ ހުސް ގޮނޑި ބަހައްޓައިގެން ވިދާޅުވީ ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު ރައީސް ޔާމީން މިނިވަން ކުރައްވާނަމޭ އެވެ. މި ބަސްތައް އަޑުއިވުމުން ރައްޔިތުންގެ ހިތްތަކަށް ލިބުނު އުފާވެރިކަން ވެސް ނޭނގެއެވެ. އެހެން ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އިންތިހާބުގެ ދެވަނަ ބުރާ ހަމައިން ރާގު ދިޔައީ ބަދަލު ވަމުންނެވެ. ދެން ބުނަމުން ދިޔައީ ރައީސް ޔާމީން މިނިވަން ނުވާ ކަމުގައި ވާނަމަ އޭގެ މާނަ އަކީ މި ސަރުކާރުން ޝަރީއަތަށް އަތް ބާނަނީ އެވެ.
ރައްޔިތުން ގާތު ޑރ މުއިއްޒު ވިދާޅުވާނީ އެމަނިކުފާނުގެ ވެރިކަމެއްގައި ޝަރުއީ ނިޒާމް އޮންނާނީ މިނިވަން ވެފައޭއެވެ. މި އަދު ޝަރުއީ ނިޒާމް މިއޮތީ މިނިވަން ވެފައިތޯ؟
ޝަރުއީ ނިޒާމް މިނިވަން ވީމަތޯ މިއަދު އެބޭފުޅުންނަށް އެވާހަކަ ދައްކަން ނުކެރިގެން އެއުޅުއްވަނީ؟ ސަރުކާރުގެ އިސް މަގާމުތައް ލިބުނީމަ ކާން ދިން އަތުގައި ދަތް އަޅާފައި ދިޔަ ބަޔަކު މި ނޫނީ ނެތެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ އަށް ލަސްތަކެއް ވަމުން އަންނަ އިރު މި ސަރުކާރުން އެކަމަކަށް ބަހެއް ވިދާޅުވާކަށް ވެސް ނުކެރެއެވެ. ނުވިތާކަށް މި މައްސަލަ ލަސްވާކަމަކަށް ވެސް ސަރުކާރުން ގަބޫލެއް ނުކުރެއެވެ. އެހެންތާ ވާނީ. އެބޭފުޅުންގެ ބޭނުންތައް ފުދުނީމަ ރައީސް ޔާމިން މިނިވަންކުރުމަށް ވީ ވައުދު ތަކުގެ މަތިން ހަމަ ހަނދާން ނެތިދާނެތާ އެވެ.
މިހާ ދަށުދަރަޖައިގައި އަމަލުތައް ހުންނަ އިރު މިހާރު އުފެދޭ ސުވާލަކީ މިނިވަންވެފައިވާކަމަށް ބުނެއުޅޭ ޝަރުއީ ނިޒާމް ހަގީގަތުގައިވެސް އޮތީ މިނިވަންވެފަބާއެވެ.