ހުކުރު ދުވަހަކީ ކޮންމެ އާއިލާއެއްވެސް ހިތް ފަސޭހަ މާހައުލުތަކުގައި އާއިލާއާ އެކު ވަގުތު ހޭދަކުރާ ދުވަހެކެވެ. ހަފްތާގެ ހަ ދުވަހުގެ މަސައްކަތަށް ފަހު ލިބޭ އެންމެ ދުވަހެއް ގިނަ މީހުން އާއިލީ ހަވީރާ ވަގުތު ރާވާލަނީ ގެއިން ބޭރުގައެވެ. އެކި ހިސާބުތަކުގައި ހަދާފައި ހުންނަ ހިތްފަސޭހަ މައިޒާންތަކަކީ އެފަދަ ބައެއް މީހުންގެ މަންޒިލެވެ. ޚާއްސަކޮށް ހެންވޭރުކޮޅުގައި އޮންނަ އާޓިފިޝަލް ބިޗަކީ އެއީ ހުކުރު ދުވަހު ގިނަ މީހުން އެމީހުންގެ ދަރިން ގޮވައިގެން ހިތް ހަމަ ޖައްސާލަން ނުކުންނަ އެއް މަންޒިލެވެ.
ނަމަވެސް މިފަހަކަށް އައިސް އެފަދަ ތަންތަނަކީ ރާއްޖޭގައި، ޚާއްސަކޮށް މާލޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ހުކުރު ދުވަހު ހަވީރުގެ ވަގުތު ހޭދަކުރާ ތަނަކަށް ވެފައިވެއެވެ. އެއްވެސް ހާލެއްގައި އެތަންތަނުގައި ބިދޭސީން ވަގުތު ހޭދަކުރާތީ މައްސަލައަކަށް ވީކީއެއް ނޫނެވެ. ނަމަވެސް އެތަންތަނުގައި ބިދޭސީން އެމީހުންގެ އުޅުމާ ގުޅުމާ އަޚުލާގު ބަހައްޓާ ގޮތް ކަމުނުދަނީއެވެ. އެމީހުންގެ ސަގާފަތާ އަހަރުމެން ދިވެހިންގެ ސަގާފަތަކީ ހާސްބައި ތަފާތު އެއްޗަކަށްވާއިރު އަހަރުމެންގެ ޅަދަރިންނަށް އަހަރުމެން ދޭ އިސްލާމީ ރިވެތި ތަރުބިއްޔަތާއި އުސޫލުތަކާ ބީރައްޓެހި އެތައްކަމެއް އެ ބިދާސީންގެ ފަރާތުން ފެންނަނަމަ އެއީ މައްސަލައެކެވެ.
އެގޮތުން ބަލާއިރު ދާދި ފަހުން އިވިނު އެއް އަޑަކީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ދެ ބިދޭސީއަކު ބަދު އަޚްލާގީ އަމަލު ހިންގާ އާންމު އިޖުތިމާއީ މިންގަޑަށް ނުފެތޭ ކަންކަން އެތާ ހިންގިކަމުގެ އަޑެވެ. މަންޒަރުތައްވެސް މިސްމީޑިޔާގައި ދައުރުވިއެވެ. ބައެއް މީހުންނަށް ފަހަރުގައި އެއީ މާ ބޮޑުކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެ މަންޒަރު ބަލަން އެތަނުގައި ކިތައް ކުޑަކުދިން ތިބިތޯ ސުވާލު ނުއުފެދޭތޯއެވެ؟ އެއީ އެކުދިންގެ އުމުރާ ނުގުޅޭ މަންޒަރުތަކަކަށްވާއިރު އެކުދިނަ ގޮވައިގެން ގޮސް ތިބޭ އެކުދިންގެ މައިންބަފައިންނަށް އެކަންކަން އޯކޭ ނުވާނެކަން އެއީ ހަމަ ޔަގީންކަމެކެވެ.
ރަގަޅެވެ. ބިދޭސީއިންނަށްވެސް ލިބޭ އެންމެ ދުވަހަކު އެމީހުންވެސް ހިތްހަމަ ޖައްސާލާ މޫދަށްވެސް އެރެންވީއެވެ. ރައްޓެހިންނާ އެކު މަޖާވެސް ކުރަންވީއެވެ. ނަމަވެސް އަހަރުމެން ދިވެހިންގެ ވަޒަނުގައި އަހަރުމެންގެ ހައްގުތައް ނުގެއްލޭ ގޮތަށެވެ.
މިވާހަކަތައް އެކި ގޮތަށް އެކި މީހުން ދައްކާތާ ލައްކަ ޒަމާންވެއްޖެއެވެ. ނަމަވެސް ހައްލެއް ނުލިބި މިހާރު ބިދޭސީއިންގެ ކަންކަން މިދަނީ ހައްދުން މައްޗަށޭ ބުނަން މަޖްބޫރުވެއްޖެއެވެ. އާޓިފިޝަލް ބިޗު ފަދަ ތަންތަނަކީ އެމީހުން ކުށަށް އަރައިގަންނަ ވެއްޓަކަށްވެއްޖެއެވެ. ހަފްތާ ބަންދެއް އައިސިއްޔާ އާޓިފިޝަލް ބީޗަކީ ބިދޭސީިންގެ ކްލަބަކަށްވެއްޖެއެވެ. ރާ ބުއިމާ ކަރޯކޭ ޖެއްސުމާ ނެށުން ފަދަ ކަންކަމަކީ އެމީހުން އެތަނުގައި ކުރާ އާންމު ކަންކަމަށްވެއްޖެއެވެ.
ފެންނަ މުއައްސަސާއެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދިވެހީންގެ އެތައް ކަންބޮޑުވުންތަކެއް މިކަމުގައިވެއެވެ. މިހެން ތިއްބާ އަނެއްކާ އިއްޔެރޭވެސް ފެނިގެން އެދިޔައީ އެފަދަ މަންޒަރެކެވެ. އިންޑިއާ ބަޔަކު މަސްތުގެ ހާލަތުގައި ތިބެ ހިންގި މާރާމާރީއެއްގައި ދިވެހި ތުއްތު ކުއްޖަކަށް ގެއްލުންވިއެވެ. މާރާމާރީ ހިންގަމުން ދިޔަ މަންޒަރު ވީޑިއޯކުރަން ހުރި ދިވެހި މީހާގެ ދަރިފުޅުގެ ބޮލަށް ގެއްލުން ދިނީއެވެ. އެއަށް ފަހު އެމީހުން އެތަން ދޫކޮށް ދިޔައިރުވެސް، ކޮންމެ ފަސް މިނިޓެކުން އަތުޖެހެން ހުންނާނެ ކަމަށްބުނާ ފުލުހުންނަށް ވެސް ކަމެއް ވީހެންވެސް ހީނުވެއެވެ.
ސަރަހައްދަކީ 24 ގަޑިއިރު ފުލުހުން ސެކިޔުރިޓީދޭ ސަރަހައްދަކަށްވެފައި އެ ސަރަހައްދަކީ ފުލުހުންގެ ޕޯސްޓެއްވެސް ހުންނަ ސަރަހައްދަަކަށްވާއިރު ކަންވެ ނިމުނުއިރުވެސް ފުލުހުންގެ ހިލަމެއް ނުވުމަކީ މިއީ އަޖައިބެއް ނޫންތޯއެވެ. ނަމަވެސް މީހަކު "ކައްޒާބޭ" ބުނެލާއިރަށް މުޅި މުއައްސަސާ އުތުރި އަރައިގަނެއެވެ. މިހެން ބުންޏަސް ކުށްވެރިވާނީ މިހެން ބުނާ މީހާއެވެ.
ކޮންމެ އަކަސް ދިވެހި އާއިލާތައް ހިތްއުފާ ކޮށްލަން މި ކުޑަކުޑަ މުޖުތަމައުގައި ނިކުމެލާ އިށީނދެލާ ދުވެލާ ސްކޭޓުކޮށްލާ ހަދަން ހުރި މިފަދަ ހިތް ފަސޭހަ މައިޒާންތަކަކީ ބިދޭސީންގެ ކުށުގެ ހާލިތަކަށް ވެގެން ދިއުމަކީ ޔަގީނުންވެސް ދިވެހިން އެދޭނެ ގޮތެއް ނޫނެވެ. މިކަމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކުން ވީ އެންމެ އަވަސް ހައްލު ގެނެސްދިނުމަކީ ޔަގީނުންވެސް ކޮންމެ ދިވެއްސެއްގެވެސް އާދޭހެކެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރަން އޮންނަ ގާނޫނުތައް ތަންފީޒުކޮށްދީ އަމާން ވެއްޓެއް ގާއިމުކޮށްދިނުމަކީ ދިވެހީންގެ އުއްމީދެވެ.