އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު / ޕީއެސްއެމް
ވިޔަފާރި
އެމްޑަބްލިޔުއެސްސީން ވިއްކަން އުޅޭ ބޮންޑުން ހާމަވީ އަތޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ނެތްކަން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 ޑިސެމްބަރު 2024
މާލެ ސިޓީ

މާލެ ވޯޓާ އެންޑް ސްވެރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ން ވިއްކަން އުޅޭ ބޮންޑުން އަތޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އެ ކުންފުނީގައި ނެތްކަން ހާމަ ވެއްޖެ އެވެ.

އެމްޑަބްލިޔުއެސްސީއިން ކެޕިޓަލް މާކެޓަށް 400 މިލިއަން ރުފިޔާގެ ބޮންޑެއް ތައާރަފުކޮށް، އެ ބޮންޑުގައި އިންވެސްޓު ކުރުމުގެ ފުރުސަތަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ބޮންޑު ކެޕިޓަލް މާކެޓަށް ނެރެދިނުމުގައި މަސައްކަތް ކުރި، ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނި ގޮތުގައި، މި ބޮންޑު ވިއްކުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

މިގޮތުން، އެމްޑަބްލިޔުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް، އިންވެސްޓުކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވަނީ 200 މިލިއަން ރުފިޔާގެ ބޮންޑަކަށެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް އިޝޫ ކުރާ މި ބޮންޑުގައި އިންވެސްޓުކުރާ ފަރާތްތަކަށް 7.5 ޕަސެންޓުގެ އިންޓަރެސްޓި ލިބޭނެކަމަށް ފަސްޓް ނޭޝަނަލުން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން މި ބޮންޑު ވިއްކުމުގެ މައިގަނޑު މަގުސަދަކީ، އެ ކުންފުނިން ހިންގާ މަޝްރޫއުތަކާއި ވިޔަފާރިތަކަށް ފައިނޭންސް ހޯދުމާއި އެކުންފުނިން އަތޮޅު ތަކުގައި ކުރަން ހުރި ފެނާއި ނަރުދަމާގެ ހިދުމަތްތަކަށް ބޭނުންވާ އިންވެސްޓްމެންޓްތަކާއި، އަތޮޅުތަކުގައި ހިންގާ ނަރުދަމާގެ މަޝްރޫއުތައް އަވަސް ކުރުމަށް ފައިސާ ހޯދުން ކަމަށް ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ވެސް ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ބަރާބަރަށް ހިއްސާކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދައިފަ އެވެ.

މިހާރު ވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި އެމްޑަބްލިޔުއެސްސީ އާއި ހަވާލުކޮށްފައިވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުން ނެވެ.

މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައާ ހަވާލުކޮށްގެން ރާއްޖޭގެ 20 ރަށުގައި ހިންގަމުންދަނިކޮށް މި ސަރުކާރުން ބާތިލު ކުރި މަޝްރޫއުތަކުގެ ތެރެއިން 19 ރަށެއްގެ މަސައްކަތް އެމްޑަބްލިއެއެސްސީއާ މިފަހުން ވަނީ ހަވާލުކޮށްފައި އެވެ.

ނަމަވެސް މިކަންކަން ވެސް ވާން އޮތީ 400 މިލިއަން ރުފިޔާގެ ބޮންޑް ވިއްކައިގެން ލާރި އެއް ސަރުކާރަށް ލިބުނިއްޔާ އެވެ. އެންމެ ދެރައީ އަތޮޅުތަކުގައި މަޝްރޫތައް ހިންގާނެ ފައިސާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިމަނައިފާ ނެތުމެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައި ވަނީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު ނިމެން އަދި ދުވަސްކޮޅެއް އޮތް އިރު އެ ބަޖެޓުން 45 ބިލިއަން ރުފިޔާ މިހާރު ވަނީ ހަރަދުވެފަ އެވެ.  އަންނަ އަހަރަށް މިހާރު ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ފާސްކޮށްފި އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved