ރައީސް ޔާމީން / ޕީޕީއެމް
ހަބަރު
އިގުތިސާދު ދަށްކޮށް އޮށްވާ ސަބްސިޑީތައް ކަނޑާލުން އެއީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން: ރައީސް ޔާމީން
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 ޑިސެމްބަރު 2024
މާލެ ސިޓީ

ރާއްޖޭގެ އިގުތިސާދު ދަށްކޮށް އޮތްވާ ސަބްސިޑީތައް ކަނޑާލުން އެއީ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުން ކަމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފް އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން އަންނަނީ ސަބްސިޑީގެ ނިޒާމު ބަދަލުކޮށް، ސަބްސިޑީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ފޯރުކޮށްދޭ ނިޒާމަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ނެވެ. މީގެ ތެރޭގައި އާސަންދަ އަށް ދޭ ސަބްސިޑީތަކާއި ތެލަށް ދޫކުރާ ސަބްސިޑީތައް ވެސް ހިމެނެއެވެ.

މި ކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ގެންނަ އިސްލާހުތަކުގެ ތެރެއިން ސަބްސިޑީތައް ކަނޑާލުމުން ތެލާއި ކަރަންޓުގެ އަގު ބޮޑުވާނެ ކަމަށެވެ.

ސަބްސިޑީއެއް ދީފި ކަމަށްވަންޏާ އޭގެ މާނައަކީ ރައްޔިތުންނަށް އޭގެ ލުޔެއް ލިބޭނެޔޭ. ނަމަވެސް އެއީ އިގުތިސާދަކީ ވަރުގަދަ، ދުވެލި ރަނގަޅު އިގުތިސާދެއްގެ ގޮތުގައި އޮތް ނަމަ، ނޫން ނަމަ ރިހޭ ފައި މައްޗަށް ވެއްޓޭނީ ފޮއެ

- ރައީސް ޔާމީން

ރާއްޖޭގެ އިގުތިސާދު މި ހާލަތުގައި އޮއްވައި ސަބްސިޑީތައް ކަނޑާލުމުން އެއީ ރައްޔިތުންގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުމުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ. އެގޮތުން އެ ޖަލްސާގައި މީހަކު ފާހަގަކުރި ފަދައިން، ކެފޭތައް ބަންދުކުރުމާއި ކުދިކުދި ފިހާރަތައް ބަނގުރޫޓުވުން ފަދަ ގެއްލުންތައް ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިއީ ސަރުކާރުގެ ފިސްކަލް ޕޮލިސީ، ސަރުކާރުގެ ހަރަދު ކުރުމާއި އާމްދަނީ ހޯދުމާއި އެއަށް ބިނާކޮށް މިދާ ކަމަށްވަންޏާ އަދިއެއް ނެތް ސަލާމަތެއް މި އަންނަ އަހަރުގެ ބަޖެޓަކުން ހަމައެކަނި،

- ރައީސް ޔާމީން

މި ސަރުކާރަށް ސަނާކިޔަން ޖެހޭ ވަރުގެ ކަމެއް އަދި ކުރެވިފައި ނެތް ކަމަށާއި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފޮތުން ރައްޔިތުންނާއި ހަމައަށް އެއްވެސް ކަމެއް ކޮށްދެވިފައި ނެތް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރަށް ސަނާ ކިޔަން ބޭނުންވިޔަސް ސަނާ ކިޔޭނެ ގޮތެއް ނެތް ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އާމްދަނީ އަށް ލިބޭ އެއްޗެއް މަދު ނަމަވެސް، ސަރުކާރުގެ ހަރަދުތައް ކުޑަ ނުކުރާ މައްސަލަ ބޭރުގެ އިދާރާތަކުން ވެސް އަންނަނީ ފާހަގަކުރަމުން ނެވެ.

މި ސަރުކާރު ވެރިކަމަށް އައީ 700 އަށްވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ނުކުރާނެ ކަމުގެ ވައުދާއެކު އެވެ. ނަމަވެސް, އެ އަދަދު 4,000 އަށްވުރެ އިތުރުވާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން ވަނީ އެނގިފަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އެ އަދަދު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved