އެންޓިކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ގެޒެޓުކުރި އިއުލާނުގައި ބުނެފައިވަނީ، މި މަހުގެ 16 ގެ ރަސްމީ ގަޑި ނިމެންދެން މި ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މެންބަރުކަމުގެ ޝަރުތުތަކާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތަފުސީލުތައް ގެޒެޓުކޮށްފައިވާ އިއުލާނުގައި ހިމަނާފައިވެ އެވެ.
އޭސީސީގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދެވެ.
ދެ މެންބަރުން އިސްތިއުފާ ދެއްވާފައިވަނީ ނުފޫޒު ފޯރުވުމާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، ދެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
އޭސީސީގައި ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޯދަން އިއުލާނުކުރިއިރު، އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އާއި ނައިބު ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ ގޮތަށް އެ ދެ ކޮމިޝަނާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލިީހުން ފާސްކުރި ދެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ވަނީ ތަސްދީގުކުރައްވައިފަ އެވެ.
އޭސީސީގެ ގާނޫނާއި އީސީގެ ގާނޫނަށް ވަކިވަކިން ގެނައި އިސްލާހުގައިވާ ގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކާއި ނައިބު ރައީސަކު ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ އެވެ.
އެކަމަކު އެ ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ނަން މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ފާސްކުރި ދެ ބިލުގައިވާ ގޮތުން ދެ ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ، އެކަމަށް ނަގާ ވޯޓެއްގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ނަމަވެސް، މި ވަގުތު އޭސީސީ އާއި އީސީގެ ރައީސާއި ނައިބު ރައީސް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިވަންދެން އެ މަގާމުތަކުގައި ދެމިތިބެވޭނެ އެވެ.
ގާނޫނަށް މި ބަދަލު ގެނައީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ. އެ ދެ ޕާޓީން ވެސް ބުނެފައި ވަނީ މި އިސްލާހުތަކާއެކު އޭސީސީ އާއި އީސީއަށް ނުފޫޒު ފޯރުވުމުގެ ބާރު ރައީސްއަށް ލިބޭނެ ކަމަށެވެ.