3 ބާރު ވަކިވެ، ފާރަވެރިވާ ނިޒާމް އޮތް ގާނޫނު އަސާސީ ނެތިގޮސްފިކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ ބާރު ކަނޑުވާލާ ގާނޫނު އަސާސީއަށް ރައީސް މުހައްމަދު މުއއިްޒުގެ ސަރުކާރުން ގެނައި އިސްލާހާ ގުޅިގެން ގައުމުގައި ބާއްވަން އުޅޭ ބޮޑު އެއްވުމަށް ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވިދާޅުވީ، ގާނޫނު އަސާސީއަކީ ސަމާސާއެއް ނޫން ކަމަށާ އެއީ ރައްޔިތުންގެ ބާރުކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ ދިފާޢުގައި އެންމެންވެސް ތެދުވުމަކީ ގައުމީ ވާޖިބެއް ކަމަށާ ގާނޫނު އަސާސީއަށްވުރެ އެކަކުވެސް ބާރުގަދައެއް ނުވާނެކަމަށް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ. އެގޮތުން ދިވެހިން 1932 އިން ފެށިގެން ރައްޔިތުންގެ ދުސްތޫރީ ވެރިކަން ފެށި ކަމާ އެހެންކަމުން ވެރިކަން ކުރެއްވި އަދި ކުރައްވާ ވަކި ވަކި ފަރުދުންނަށް ވުރެ ގައުމު ބޮޑުވާނެ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެއީ ދުސްތޫރީ ވެރިކަމުގެ ޙަގީގަތްކަމަށްވުމުން ގާނޫނު އަސާސީގެ މައިގަނޑު މަގްސަދަކީ ދައުލަތުގެ ބާރު 3 ބަޔަށް ބަހައިލުންކަމާ އެކަން ކޮށްފައިވަނީ އެއްވެސް ބާރެއް މާ ނުފޫޒު ގަދަވެ އަސާސީ ޙަައްގު ނުރައްކަލަށް ނުލުމަށްކަން ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރުގެ ގާނޫނު އަސާސީ 2008 ގައި ވުޖޫދުވި އިރު އެޑްރާފްޓް ކުރެއްވި ބޭފުޅުން ކުރެއްވި ބަޙުސަކީ ގާނޫނު އަސާސީ ދިފާއުކުރުމުގައި މުހިއްމު ގައިޑެންސެއްކަމަށްވުމުން ޗެކް އެންޑް ބެެލެންސް ގެނައީ އެއްވެސް ބާރަކަށް ސުޕްރިމެސީ ނުދިނުމަށް ކަމަށް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ
މީގެ އިތުރުން އެމެރިކާގެ ދުސްތޫރު މޮޑެލަކަށް ބެލި ރާއްޖޭގައި މިއަދު މުޅި ދުސްތޫރުގެ ސްޓްރަކްޗަރ ފުނޑު ފުނޑުވެއްޖެކަމަށާ އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނީ އެމީހުންގެ ޕާޓީން ވަކިކުރުމުން ގޮނޑިގެއްލޭ ބަޔަކަށް ވެއްޖެކަމަށާ ލޯކަލް ކައުންސިލްތަކުގެ ބާރު 115 ވަނަ މާއްދާގެ ދަށުން ރައީސް ނަންގަވައިފިކަން ވެސް ޑރ ޖަމީލު ފާހަގަކުރައްވާފައިވެއެވެ..
އިލެކްޝަން ކޮމިޝަން(އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ބާރު ރައީސް ނަންގަވައިފިކަމަށާ އެހެންކަމުން 3 ބާރު ވަކިވެ، ފާރަވެރިވާ ނިޒާމް އޮތް ގާނޫނު އަސާސީ މިވަނީ ނެތިގޮސްފައިކަމަށާ މިހާރު ހަގީގީ ބާރު އޮތީ ރައީސްގެ އަތުގައިކަމަށް ވެސް ޑރ ޖަމީލު ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގެ 115 ވަނަ މާއްދާ، (ރައީސްގެ ބާރުތައް) ހިމެނޭ މާއްދާ މިހާރު ރައްޔިތުންގެ މަޖިލިހާ، މިނިވަން މުވަައްސަސާތަކާ، ރައްޔިތުންނަށްވުރެ ވެސް ބާރުގަދަކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
މިވަގުތު ރައްޔިތުންގެ މަޖިލިހުގެ މަސްއޫލިއްޔަކީ ރައީސް އައްޔަންކޮށް ވަކިކުރާ މަޖިލިހެއް ފަދަކަމަށާ އެއީ ރައީސްގެ މެމްބަރުން.ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ރަައްޔިތުންގެ ބާރު ކެނޑި ރައްޔިތުންގެ މެމްބަރުން ގެއްލިއްޖެކަމަށްވެސް ވިދާޅުވެފައެވެ. އަދި މިއީ ވަކި ސިޔާސީ ފިކުރެއްގެ ސުވާލެއް އުފައްދަންވީ ވަގުތެއް ނޫންކަމަށާ އެންމެން އަތުންވެސް ގޯސްހެދިފައި ހުރެދާނެކަމަށްވީ ނަމަވެސް މިއީ ރައްޔިތުންގެ ވެރިކަމެއްކަން ހަނދާންކޮށް ރައްޔިތުންގެ ބާރު ހޯދަން ނިކުތުމަށް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ. ގާނޫނު އަސާސީއަކީ ރައްޔިތުންގެ ގައުމީ ޗާޓަރކަމަށާ އަސާސީ ޙައްގު ރައްކާކުރެވިފައިވާ އޮތް އަޙުދުކަމަށްވުމުން އަހަރެމެން އެންމެންގެ ސިޔާސީ އެގްރީމަންޓު ދިފާޢު ކުރުމަކީ އަހަރެމެންގެ ވާޖިބެއްކަމާ ގައުމީ ރުކުނެއްކަމަށްވުމުން އެންމެން އެކުވެރިވެ، ސުލްޙަވެރިކޮށް ވަރުގަދަ ހިތްވަރެއްކޮށް ގާނޫނު އަސާސީ ދިފާޢު ކުރަން ނިކުންނަންޖެހޭ ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.
انشاء الله ކާމިޔާބު ލިބޭނީ ރައްޔިތުންނަށް. ގާނޫނުއަސާސީއަށް!
ގާނޫނުއަސާސީއަކީ ސަމާސާއެއް ނޫނެވެ. އެއީ ރައްޔިތުންގެ ބާރު. ގާނޫނު އަސާސީގެ ދިފާޢުގައި އެންމެންވެސް ތެދުވުމަކީ ގައުމީ ވާޖިބެއް. ގާނޫނު އަސާސީއަށްވުރެ އެކަކުވެސް ބާރުގަދައެއް ނުވާނެއެވެ. ދިވެހިން 1932 އިން ފެށިގެން ރައްޔިރުންގެ ދުސްތޫރީ ވެރިކަން ފެށީއެވެ. 30 އަހަރު ވެރިކަން… pic.twitter.com/frEIKye9HH
— Mohamed Jameel Ahmed (@MJameelAhmed) December 8, 2024