ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުނީ ދޮގުން ކަމަށާއި އެ ދޮގުތައް މިހާރު ދަނީ ރައްޔިތުންނަށް ހާމަވަމުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓިވީގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަ ދައްކަމުން އާސިފް ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ފެށުނީ ވެސް ދޮގަކުން ކަމަށާއި، ދޮގު ނުހަދާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ދޮގުތައް މިހާރު ރައްޔިތުންނަށް ހާމަވަމުންދާ ކަމަށާއި، ރައީސް މުއިއްޒު ވައުދު ފޮތަކީ ވެސް ދޮގުން ފުރިފައިވާ ފޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ފޮޓޯފުޅާއި، ނަންފުޅާ ހުސްގޮނޑި ބޭނުންކުރައްވައިގެން ވެރިކަން މިހޯދީ. ޑރ.މުއިއްޒު ރައީސް ޔާމީނަށް އުރެދިއްޖެ. އުރެދި އަނިޔާވެރިވާން ފަށައިފި ފާޅުގައި. ދެން އޭގެ ކުރިން ސިއްރުގައި އޭނާ ކުރި ކަންކަން މިހާރު އެހުރީ ފެންނަން. އެހެންވީމަ މުއިއްޒު ދިވެހި ރައްޔިތުންނަށް އަނިޔާވެރި ނުވާނެ ކަމަށް އެއްވެސް ބަޔަކު ވިސްނައިގެން ނުވާނެ.
އާސިފް އިތުރަށް ވިދާޅުވީ މުއިއްޒުގެ ވެރިކަމުން ހުދުމުހުތާރުކަން ފެންނަމުންދާއިރު، ސަރުކާރާއި މަޖިލީހުން އަމާޒު ހިފާފައި ހުރީ ސީދާ ރަސްކަމާ ދިމާލަށް ދިއުމަށް ކަމަށެވެ.
އަދި ވިދާޅުވީ ރައީސް މުއިއްޒަކީ އެންމެ ގާތް ބޭފުޅުންނަށް ވެސް އަނިޔާވެރިވެފައިވާ ބޭފުޅެއް ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅާއި، ނަންފުޅު އަދި ހުސްގޮނޑިކޮޅު ދައްކައިގެން ވެރިކަމަށް ވަޑައިގަންނަވައި، ޔާމީނަށް ވެސް އަނިޔާވެރިވެފައިވާ ކަމަށެވެ.
މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުގެ ދުރުމިން ބަލާލާއިރު މުއިއްޒުގެ ވެރިކަމުގެ "ކަޅު ދިގު އެއް އަހަރު" ފެންނަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައިވާތަނެވެ. އަމިއްލަ އެދުމުން ފޯވެ ދައުލަތް އަމިއްލަ މިލްކަކަށް ހަދައިގެން އަނިޔާވެރި ޑިކްޓޭޓަރެއް ގައުމު ލޫޑުވާތަނެވެ. މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓްރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމެވެ.