

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްބާސް ޝަރީފު ލީއިރު ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ރައީސް މުހައްމަދު މުއިއްޒުގެ ހުއްދަނެތި އަނބުރާ ނުގެންދިއުމަށް ޝަރުތުކުރި ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ އައްބާސް ޝަރީފު ޕީޖީކަމަށް ލީއިރު ތިން ކަމަކަށް ރައީސް މުއިއްޒު ޝަރުތު ކުރި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ ރައީސް މުއިއްޒުގެ އެއްވެސް ހުއްދައެއް ނެތި ރައީސް ޔާމީންގެ މައްސަލަތައް ރިވިއުކޮށް އަނބުރާ ނުގެންދިއުން ކަމަށެވެ.
އާސިފް ވިދާޅުވި ގޮތުގައި މިހާރު ހުންނެވި ޕީޖީގެ އަދުލުވެރިކަން ގެއްލިފައިވާ ކަމުގެ ހެއްކަކީ އެއް މައްސަލައެއް އެކި ގޮތަށް އަމަލުކުރަމުން ދާދިއުމެވެ. އެގޮތުން ރ.ފުއްގިރި މައްސަލައިގައި ހިމެނޭ އަހުމަދު ކުރިކު ރިޒާގެ މައްސަލަ އަނބުރާ ގެންގޮސް ހަމަ އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާ ކޯޓުގައި ހިންގުން އެއީ ޕީޖީ އައްބާސްގެ އަދުލުވެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އާސިފް ވިދާޅުވިއެވެ.
ވަކީލު އާސިފް މިފަދައިން ވިދާޅުވެފައިވާއިރު ރިޝްވަތުދިނުމުގެ ދައުވާ ކުރިކު ރިޒާ މައްޗަށް ކުރިން އުފުލާފައިވަނިކޮށް އެ މައްސަލަ ރިވިއުކޮށް ދިނުމަށް އެދި ކުރިކު ޕީޖީއަށް ހުށަހެޅުމުން އެ މައްސަލައިގައި އަދުލު އިންސާފު ލަސްވާ ކަމަށާ މައްސަލަ ނުހިނގާ ދިގު ދެމިގެން ގޮސްފައިވާ ކަމަށް ބަލާ ޕީޖީ އިން ވަނީ ކުރިކުގެ މައްސަލަ ފައިލްކޮށްފައެވެ. ނަމަވެސް ހަމަ އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުތްޕުޅުން ޕީޖީއަށް ރިވިއުއަށް އެދި ފޮނުވުމުން ރިވިއުނުކޮށް ދޫކޮށްލީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން ޕީޖީއިން އެއް މައްސަލައެއްގައި ދެ ގޮތަކަށް އަމަލުކުރި ކުރުމުގައި ސުވާލު އުފެދޭނެ ޖާގަ ތަނަވަސްވެގެން ދެއެވެ.