ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ ހިންގާނެ އިމާރާތެއް ހިފުމަށް އެއްބަސްވުން ގާއިމުކުރި މޯލްޑިވްސް މީޑިއާ ހައުސް އާއި އެ ކުންފުނީގެ ހިއްސާދާރުން ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދޭން ފުލުހުންގެ ކިބައިން މައި އިދިކޮޅު ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެ އެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީން ފުލުހުންގެ އިދާރާއަށް ފޮނުވި ސިޓީގައި ވަނީ މއ. ސީރާޒީގެއިން ގިނަ ފަންގިފިލާތަކެއް މީޑިއާ ހައުސްއިން ވަނީ ކުއްޔަށް ނެގީ އެ ކުންފުނީގެ އޮފީހާއި, ޓީވީ ސްޓޭޝަން އަދި ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމަށް ކަމަށެވެ.
އެ ފަންގިފިލާތައް ހިފުމަށް ހަ މަސް ދުވަހުގެ އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އެންސްޕާގެ އޮފީސް ހިންގުމަށް ތަނެއް ކުއްޔަށް ނެގުމުގެ ނަމުގައި ހަގީގަތުގައި ހިންގި މުއާމަލާތަކި ރައީސް މުއިއްޒުގެ މަސްލަހަތު އޮންނަ އެމްއެމްޓީ ހިންގުމުގެ ހަރަދު ހަމަޖައްސައި ދިނުމެވެ. އެންސްޕާގެ މި މުއާމަލާތާ ގުޅިގެން ފާޑު ކިޔުންތައް އަމާޒުވުމުން އެ އެއްބަސްވުން ބާތިލުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރިޔަސް, ގާނޫނުން މަނާކުރި ކުށުގެ އަމަލު އޮތީ ފުރިހަމަ ވެފައި,
އެންސްޕާއިން އޮފީސް އިމާރާތް ކުއްޔަށް ހިފި މީޑިއާ ހައުސްއަކީ މި ފަހުން އުފެއްދި އެމްއެމް ޓީވީ ހިންގާ ކުންފުންޏެވެ. އެ ޓީވީ އަކީ ރައީސް މުހައްމަދު މުއިއްޒުއާ ގުޅުން އޮންނަ ޓީވީއެކެވެ. އަދި އެ ޓީވީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރައީސް އޮފީހުގެ ކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓުގެ އިސް ފަރާތްތަކެވެ.
އެންސްޕާ ހިންގުމަށް އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާއި ކުރިކަމަށް ބުނެ ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ އެންސްޕާގެ އިސްފަރާތް ކަމުގައިވާ ހީނާ ވަލީދު އަށް ކުރެވިފައި އެވެ.
މޯލްޑިވްސް މީޑިއާ ހައުސް ރަޖިސްޓްރީކުރިއިރު ހިއްސާދާރުންގެ ގޮތުގައި އަދި ޑިރެކްޓަރުންގެ ބޯޑުގައި ތިބީ ތިން މީހެކެވެ. އެއީ ރައީސްގެ އަމިއްލަގެ މ. ދިމްޔާތު ބެލެހެއްޓުމުގައި މިހާރު އިސްކޮށް ހުންނެވި، ހއ. ވަށަފަރު، ހުސްނުހީނާގޭ، އަބްދުﷲ ޒާހިރު އާއި ރައީސް އޮފީހުގެ މިނިސްޓަރު ހަލީލުގެ ދޮންދަރި، ގ. ދަނބުކޮކާ، އަހުމަދު ސައިފް ހަލީމް އަދި އައިޝަތު ޝީރީނާ ކިޔާ މީހެކެވެ. މީޑިއާ ހައުސް، ރަޖިސްޓްރީކޮށްފައި ވަނީ ހަލީލު ދިރިއުޅުއްވާ، ގ. ދަނބުކޮކާގަ އެވެ.
ކުންފުނި ރަޖިސްޓްރީ ކުރިއިރު ސައިފް އާއި ޝީރީނާ ހިއްސާދާރުންގެ ގޮތުގައި ތިއްބަސް، އެމްއެމް ޓީވީން ބްރޯޑްކާސްކުރަން ފެށީ އެ ދެ މީހުންގެ ނަން ކުންފުނިން އުނިކޮށް، ހަމައެކަނި އަބްދުﷲ ޒާހިރު އަށް މުޅި ކުންފުނި ބަދަލުކޮށްފަ އެވެ.
ރައީސްގެ އަމިއްލަގެ މ. ދިމްޔާތު ބެލެހެއްޓުމުގައި މިހާރު އިސްކޮށް ހުންނެވި، ހއ. ވަށަފަރު، ހުސްނުހީނާގޭ، އަބްދުﷲ ޒާހިރުގެ ނަމުގައި މިފަދަ ބޮޑު އިންވެސްޓްމަންޓެއް ކުރިއިރު އޭނާއަކީ އެއްވެސް ވިޔަފާރިއެއް މިހާތަނަށް ކުރި މީހެއް ނޫން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
ފުލުހަށް މައްސަލަ ހުށަހެޅުމުގެ އިތުރުން އެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކޮށްދިނުމަށް އެމްޑީޕީން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ވެސް އެދިފަ އެވެ.
ރައްޔިތުންގެ ބޭސްފަރުވާ އަށް ހަރަދުކުރަން ހުރި ފައިސާ އިން ޑރ، މުއިއްޒުގެ ސަރުކާރުން ވައްކަން ކުރި ގޮތުގެ މިނިވަން ތަހުގީގެއް ކޮށްފިނަމަ މިކަމުގައި ވެސް އެންމެ ބޮޑު މާލީ މަންފާއެއް ލިބިފައި އޮންނާނީ ރައީސް މުއިއްޒު އަށް ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.