ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނައުމުގެ ބާރު އޮންނަންވާނީ ސީދާ ރައްޔިތުންގެ އަތުގައި ކަމަށާއި އެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭން ސަރަހައްދުން ބައެއް ދޫކޮށްލުމަކީ ރައްޔިތުންގެ މަޖިލީހުން ގޮތް ނިންމަން ދޫކޮށްލާފައި އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވައިފަ އެވެ. ރައްޔިތުންގެ ބަހެއް ހޯދައިގެން މެނުވީ ރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް ދޫނުކޮށްލެވޭނެ ކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެ ފައެވެ.
އެއް ކަމަކަށް މި ވިދާޅުވަނީ ދިވެހިރާއްޖޭގެ ސަރަހައްދުން އިންޗިއެއް ވެސް ބަދަލެއް ނުގެނެވޭނެއޭ މަޖިލީހުގެ ރުހުން ނެތި... އެއީ އަޅުގަނޑުމެން މަޖިލީހަށް ދޫކޮށްލާ ކަމެއް ނޫނޭ. އެއީ، މަޖިލިސް މަންދޫބުންގެ ކަމެއް ނޫނޭ،
މިދިޔަ ނޮވެންބަރު 18 ގައި ސަރުކާރުން ގާނޫނުއަސާސީއަށް ކުއްލިއަކަށް ގެނައި ގެނައި ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ފާސްކުރި އެވެ. މި އިސްލާހާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ މިއީ ރާއްޖެ އެތައް އަހަރެއް ފަހަތަށް ރާއްޖެ ސޮއްސާލި ކަމެއް ކަމަށެވެ. އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކު ތިބެގެން ވެސް ނުވާނެ އެވެ.
މި އިސްލާހު ގެނައުމުގެ ކުރިން ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރެފަރެންޑަމަކުން ކަމަށް އޮތް އޮތުން ބަދަލުކޮށް، އެ ބާރު މަޖިލީހަށް ނެނގުމުން ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީން، ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ، މެންބަރުކަން ގެއްލޭ އިސްލާހު ވެސް ހިމެނެ އެވެ.