ދިވެހި ރާއްޖޭގެ ޔުނިފޯމް ބޮޑީސްއަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމު އިއްޔެ މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކައިންނެވެ.
އެގޮތުން ނާޒިމު ވިދާޅުވެފައިވަނީ މަސްތުވާތަކެތި އެތެރެވުމުގައި އެކަންކަން ހުއްޓުވަން ތިބޭ ޔުނިފޯމު އެޅި މުއަްސަސާތަކުގެ އިހުމާލު އެބަ އޮތް ކަމަށެވެ. ނާޒިމް ފާހަގަކުރައްވާފައިވަނީ ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، މަސްތުވާތަކެތި އެތެރެ ނުވާނެކަމުގެ އެއްވެސް ޔަގީންކަމެއް މިއަދު ނެތްކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް ދޭން ޖެހޭ ކަމަށެވެ. އަދި މި ކަމަކީ މަޖިލީހުގެ މެންބަރުން ކުރަންޖެހޭ ކަމެއް ކަމަށާއި ޔުނިފޯމް އެޅި މުއައްސަސާތަކުން އެކަން ކަށަވަރުކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ މަސްތުވާތަކެތި އެތެރެވުމުގައި ކަސްޓަމްސްގެ އިހުމާލު ވެސް ވަރަށް ބޮޑު ކަމަށެވެ.
އަޅުގަނޑުމެންނަކަށް މިހާރު ނެތް ޔުނީފޯމް އެޅި މުއައްސަސާތަކުގެ މައްޗަށް ވެސް އިތުބާރުކޮށްގެން މިކަންތައްތަކާ ދޭތެރޭގައި ބަލަން ތިބެވޭކަށް. އެ ފަރާތްތަކަށް އިތުބާރުކޮށްގެން މިކަމަށް ހައްލެއް ނުލިބޭނެ،
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން އިހުލާސްތެރި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި މިހާރު މިއޮތް ހާލަތަށް ދިޔައީ ދައުލަތުގެ މުއައްސަސާތަކުގެ ވެސް އިހުމާލު އޮވެގެން ކަމަށެވެ. އެފަދަ އަމަލުތައް ހިންގައިގެން މުއައްސަސާތަކުގައި ތިބޭ މީހުން ނުހައްގު މުއްސަނދިކަން ނުހޯދޭނެކަން ވެސް ޔަގީންކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.