އެމްޑީޕީގެ ލީޑަރުން ހައްޔަރުކޮށްފިނަމަ އެ ޕާޓީގެ ހަރަކާތްތައް ހިންގާނެ ބަޔަކު ކަނޑައަޅައިފި އެވެ.
ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާ ފެށުމުގެ ކުރިން އޮތް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ޕާޓީގެ މިހާރުގެ ލީޑަޝިޕް ހައްޔަރުކޮށްފި ނަމަ ޕާޓީ ހިންގާނެ ބަޔަކު ކަނޑައެޅީ ހޯމަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި ކަމަށެވެ.
ނަމަވެސް އެއީ ކޮން ބައެއްކަން އޭނާ ވިދާޅެއްނުވެ އެވެ.
އެމްޑީޕީ އިން ރޭ ވަނީ އެ ޕާޓީ އިން ކުރިއަށް ގެންދާ އިހްތިޖާޖު ކުރުންތައް މުޅި ރާއްޖެއަށް ފަތުރާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.
އެމްޑީޕީ އިން މުޅި ރާއްޖެއަށް އިހްތިޖާޖުތައް ފުޅާކުރަން ނިންމާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރުވީއިރު ސަރުކާރުން ރައްޔިތުންނަށް ވީވައުދުތައް ފުއްދުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް ބުނެ އެވެ.