އެއް އަހަރުން 50 ބިލިއަން ހޭދަކޮށް ނިމުނުއިރު، މި ސަރުކާރުން ރަށެއްގެ ތަރައްގީއަށް ކޮށްދެވުނު ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީއެންއެފް އިން ހޯމަ ދުވަހުގެރޭ ބޭއްވި އެ ޕާޓީގެ ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ގާތްގަޑަކަށް ދައުލަތުގެ ބަޖެޓުން 50 ބިލިއަން ހޭދަކުރިއިރު އިރު ސަރުކާރުގެ ބަހާއި އަމަލާ ދައްކަވާ ވާހަކަ ދިމާ ނުވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށަށް ގޮސް މިހާރު މިއައީ ރައްޔިތުން ބޭނުންވާ ކަންކަމުގެ އުފާވެރިކަމުގެ ހަބަރާއިގެން ކަމަށް ބުނާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގައި ރަށްރަށުގައި ހިނގާ ކަންތައްތައް ފެެންނާނެ ކަމަށް ވެސް ބުނާ ކަމަށެވެ.
އެކަމު މިހެން ވިދާޅުވި މީގެ 6 މަސް، 8 މަސް ކުރިން، އަދި މަޑުމަޑުން ތިއްބަސް ކެބިނެޓް ދެން ތިބޭށޭ ތައްޔާރުވެގެން ވަރަށް ބައިވަރު އަމަލީ މަސައްކަތް ތައް ކުރަން، ބައްލަވާ 50 ބިލިއަން ހޭދަކޮށް ނިމުނުއިރު ރަށެއްގެ ތަރައްގީއަށް ކަމެއް ކޮށް ނުދީފައި މިހާރު މިދަންނަވަނީ ކީކޭތޯ..؟
ރައީސް ޔާމީން ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ކުރީ ސަރުކާރުގެ ސިޔާސީ ބަޖެޓެއް ކަމަށް މި ސަރުކާރުން ބުނާ އިރު ކޮންމެ ރައީސަކަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅައިގެން އިސްލާހު ކުރުމުގެ ބާރު އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ ބަންދު ކަނޑާފަވެސް ސަރުކާރަށް 12 މަސް ވެގެން ދިޔައިރު ކަމެއް ކޮށްނުދެވިފައި މުޒާހަރާ ކުރާ ވާހަކަ ބުނުމުން ވައުދުން އަވަދި ނެތި ސަރުކާރުން އުޅެން ފެށުމުން ހިތައް އަރަނީ "ހާދިމް" އުޅޭ ނިކަމެތި ހާލު ކަމަށެވެ.
އަހަރުގެ ބާކީ އޮތް ބަޔަށް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ސަރުކާރުން މިފަހުން ފާސްކުރި 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާ އެކު، މި އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 150 ބިލިއަން ރުފިޔާއަށް އަރާނޭ ކަމަށް ވަނީ ލަފާކުރެވިފަ އެވެ. އެއީ ޖީޑީޕީގެ %124.8 އެވެ.
ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ފެށި މަޝްރޫއެއް ދައުލަތުގެ އާމްދަނީއަށް ފައިސާއެއް ލިބޭނެ ހަރުދަނާ ސިނާއީ އެއް ވެސް ޕްރޮޖެކްޓެއް 12 މަސް ވީއިރު ފެށިފައެއް ނުވެ އެވެ.