އެމްޑީޕީ ހަރުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަދައްކަވަނީ / އެމްޑީޕީ
ހަބަރު
ނޫމަޑިއަށް 848 މިލިއަން ރުފިޔާގެ ބަދަލެއް ދޭންޖެހުނު ސަބަބަކީ ރައީސް މުއިއްޒު: ޔައުގޫބު
Qudhrathullah Ameen
ގުދުރަތުﷲ އަމީން
13 ޑިސެމްބަރު 2024
މާލެ ސިޓީ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު ސަބަބު އުފަން ކުރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކުރެއްވި ގޮތުން ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީ ހަރުގެ ޖަލްސާގައި އޮޑިޓް ކުރެއްވުމުގެ މަސައްކަތުގައި އުޅުއްވާ އޮޑިޓަރ ޔައުގޫބް ވިދާޅުވީ އޭރުގެ އޭސީސީ އިން ސެޓްލްމެންޓް އެގްރީމެންޓްތައް ހަދައި ބަދަލުދޭން ރިކޮމެންޑް ކުރިކަމަށް ޔައުގޫބު ވިދާޅުވި އެވެ. އެހެންކަމުން މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުއިއްޒުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަކަމަށް ޔައުގޫބު ވިދާޅުވި އެވެ.

އެމްޑީޕީ ސަރުކާރުގެ އިސްވެރިންގެ ބޮލުގައި އެއްވެސް އިލްޒާމެއް އެޅުވޭނެ ޖާގައެއް ނޯންނާނެކަމަށް ޔައުގޫބު ވިދާޅުވި އެވެ.

ކުރީ ސަރުކާރުގައި ވައްކަން ކުރިނަމަ، މިއަދު އެސަރުކާރަށް ނިސްބަތްވާ ބަޔަކު ތިބޭނީ ފުލުހުގައި ނޫނީ އޭސީސީގައި، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ޖެހުނީ މުއިއްޒުގެ ބަޔާނަށް

- އޮޑިޓަރެއްގެ ގޮތުގައި މިހާރު ވެސް އުޅުއްވާ ޔައުގޫބު ވިދާޅުވި އެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން ޖެހުނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވެސް މިފަހުން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލައިގައި ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ދެއްވި ބަޔާން މުއިއްޒު ބަދަލުކުރެއްވިކަން މަޖިލީހުގެ ކޮމިޓީން ހާމަވި ކަމަށެވެ.

ކްރިމިނަލް ކޯޓުގައި ބަޔާން ނުދެއްވާ ކަމަށް މުއިއްޒު ވިދާޅުވެ ކަނޑައެޅިގެން ދޮގު ހެއްދެވި ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކުރެއްވި ގޮތުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް މި ފަހުން ވަނީ ވިދާޅުވެފައި އެވެ.

ފައްޔާޒް ވިދާޅުވީ އެންމެ ބޮޑު ބަދަލެއް ދޭން ޖެހުނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަން ހަވާލުކޮށްފައި އޮތް ނޫމަޑި ކުންފުންޏާއެކު ހެދި އެއްބަސްވުންތައް ބާތިލު ކުރުމުންކަމަށެވެ. އެ ކުންފުނިން ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ވަނީ ގޮސްފަ އެވެ.

ނޫމަޑި ބަދަލު ދޭން ޖެހުނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އަމަލުކޮށްފައިވާ ގޮތުން ކަމަށާއި ކޯޓުން ބޭރުގައި ހައްލުކުރުމަކީ މި މައްސަލައިގައި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ސޯލިހު ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ނޫމަޑި މައްސަލައިގައި ޑރ، މުއިއްޒު އޭސީސީ އަދި ޕޮލިސް އަށް ވަރަށް ގިނައިން ހާޒިރުކުރި އެވެ.

ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލާގައި ކުރީގެ ރައީސް އިބޫ އަދި މިނިސްޓަރު ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ވަނީ 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ވަނީ ދީފަ އެވެ.

އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އިތުރު 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ ފައިސާ ދޫކުރުން އޭޖީ އޮފީހުގެ އެންގުމަކަށް ވަނީ މަޑުޖައްސާލައިފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved