February 28, 2026
Advertisement
އެއާޕޯޓުގައި ޓޫރިސްޓުންތަކެއް
އެއާޕޯޓުގައި ޓޫރިސްޓުންތަކެއް / އަވަސް.އެމްވީ

ޓެކްސް އާއި ފީ ބޮޑުވެ ޕީކް ސީޒަން ފެށިއިރު ޓޫރިސްޓުންގެ އަދަދު ދަށަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Dec 14, 2024, 04:11 PM
މާލެ ސިޓީ

ބޭރު ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސްތަކާއި ފީތައް ބޮޑުކޮށްފައިވަނިކޮށް، މި ޑިސެމްބަރު މަހު ފެށި ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަންގައި ޓޫރިސްޓުން އަންނަ ނިސްބަތް ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Advertisement

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ ފުރަތަމަ 11 ދުވަހު ރާއްޖެ ޒިޔާރަތްކުރީ 62،249 ފަތުރުވެރިންނެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 63،523 ފަތުރުވެރިންނަށްވުރެ ދެ ޕަސެންޓް ދަށް އަދަދެކެވެ.

ރާއްޖެއަށް މިމަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ދަށްވެފައި މިވަނީ އެއާޕޯޓް ޓެކުހާއި ފީތައް މިމަހުން ބޮޑުކޮށްފައިވަނިކޮށެވެ.

އެގޮތުން އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ބިދޭސީއެއްގެ އަތުން ނަގަމުންދިޔަ 30 ޑޮލަރުގެ ފީ 50 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.

ބިޒްނަސް ކްލާހުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާ ފީ ވެސް 120 ޑޮލަރަށް ބޮޑުވާއިރު، ފަސްޓް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 240 ޑޮލަރަށް ބޮޑުވާނެ އެވެ.

މީގެ އިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރު ކުރާ މީހުންގެ އަތުން 480 ޑޮލަރު ނަގާނެ އެވެ. އެއީ ކުރިން ނަގަމުން އައި އަދަދަށް ވުރެ 300 ޕަސެންޓުގެ އިތުރުވުމެކެވެ.

ޓެކްސްތައް ބޮޑުކުރުމުގެ ކުރިން މެއި ފިޔަވައި މި އަހަރު އެހެން ހުރިހާ މަހެއްގައި ވެސް ފަތުރުވެރިން އައި އަދަދު މިދިޔަ އަހަރުގެ މަސްތަކާ އަޅާބަލާއިރު އިތުރެވެ. އެއާ އެކު ޓޫރިސްޓުންގެ ޖުމުލަ އަދަދު މިދިޔަ އަހަރަށް ވުރެ ވަނީ އިިތުރުވެފަ އެވެ.

އެއާޕޯޓް ޓެކްސްތަކާއި ފީތައް ކުއްލި ކުއްލިއަށް ބޮޑުކުރުމަކީ ރާއްޖެ މާ އަގުބޮޑު ތަނަކަށްވެ، ފަތުރުވެރިން އައުން މަދުވެދާނެ ކަމެއްގެ ގޮތުގައި ފާހަގަކޮށް ބައެއް ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓޫރިޒަމްގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް %1 ބޮޑުކުރުމުގެ އިތުރުން ގްރީން ޓެކްސް އާއި ރާއްޖޭގެ އެއާޕޯޓުން ފުރާ ބޭރު މީހުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީއަށް 3 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved