ގައުމަށް ތަރައްގީ ގެނައުމުގައި އެކަށީގެންވާ އާމްދަނީއެއް ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވިދާޅުވުމަކީ ހެޔޮ ވާހަކަފުޅެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަބޫލުފުޅު ކުރެއްވިއްޖެއެވެ.
ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ އަތޮޅު ގުރައިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ތަރައްގީގެ މަޝްރޫއުތައް ރާވާލައިގެން ކުރިއަށް ގެންދަން ޖެހިފައިވާ ކަން ފާހަގަކުރައްވާފައެވެ.
އެގޮތުން ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ވެސް ދަށް ކޮށްހުރުމާ ގުޅިގެން ހަމައަކަށް އަޅުވަން ޖެހިފައިވާ ކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ދެތިން މަސް އިގްތިޞާދީ ގޮތުން ދަތިވެދާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
ރައީސް ވިދާޅުވީ އާމްދަނީ ހޯދަން ކުރާ މަސައްކަތް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށާއި މިއީ ހައްސާސް ވަގުތެއް ކަމަށެވެ.
އަޅުގަނޑުމެންގެ މި ވާރުތަވި އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ކުރަން ނިންމާފައި ހުރި ކަންތައް އެގޮތަށް ކުރިއަށް ގެންދަން ޖެހޭ. އަޅުގަނޑުމެން މިގޮތަށް ފަށަން ހުރި މަޝްރޫއުތައް، ތި ލޮބުވެތި ރައްޔިތުންނާ އަޅުގަނޑުމެން މަޝްވަރާކޮށްގެން ތަރުތީބު ކުރާނަން. އެހެންވީމާ އެބަ ޖެހޭ މި ދެންނެވި އިގްތިސޯދީ ހާލަތު އޮތް ގޮތް ބަލައިގަނެ އަޅުގަނޑުމެން ކުރިއަށް ދިޔުމުގައި މިކަންކަން ތަރުތީބު ކުރަންވެސް.
ރައީސް ވިދާޅުވީ ރައްޔިތުންގެ ޖީބަށް ފައިދާވެ، ފުދުންތެރިވާހެން މަސައްކަތްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ.
ބެލެވޭ ގޮތުގައި ރައީސް މުއިއްޒު އެ އިޝާރާތްކުރެއްވީ މީގެ ދުވަސްކޮޅެއް ކުރިން ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާއެއްގައި ވިދާޅުވި ބަސްފުޅަކަށެވެ. އެގޮތުން ރައީސް ޔާމީން ވަނީ އާމްދނީ ހޮދުމަކާ ނުލާ ހުސް ޚަރަދު މި ސަރުކާރުން ކުރާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެއީ އިގްތިޞާދީ ބޮޑު ކާރިސާއަކަށް ގައުމު ވައްޓާލާނެ ފަދަ ނުރައްކަލަކަށް ވެގެންދާނެ ކަން ވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ރައީސް ޔާމީން އެ ދެއްވި އިރުޝާދުގައި ރައީސް މުއިއްޒު ހިއްޕަވާ މިއަދު އާމްދަނީ ހޯދުމަށް އިސްކަން ދެއްވަން މިވަނީ ނިންމާފައިކަން މިކަމުން ދޭހަވެގެން ދެއެވެ.