ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ދިވެހި ބޭންކެއްގައި ޑޮލަރު މާރުކުރަން އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
އެ ބިލު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި ފާސްކޮށްފަ އެވެ.
ބޭރު ފައިސާގެ ބިލުގައި ރާއްޖޭގެ ރިސޯޓުތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ނިންމި ނިންމުން އިހުތިޔާރީ ކަމަކަށް ހަދައި ގާނޫނުގައި މިހާރު އޮތީ ބޮލަކަށް 500 ޑޮލަރު ނޫނީ އާމްދަނީގެ %20 މާރުކުރުމުގެ އިހްތިޔާރު ރިސޯޓްތަކަށް ދީފަ އެވެ.
ކެޓަގަރީ ބީގެ ތަންތަނަށް (ގެސްޓުހައުސް، ސަފާރީ އަދި ހޮޓާތަކަށް) ދީފައިވާ އިހުތިޔާރަކީ މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީން %20 މާރުކުރުމަށެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ފިޔަވައި ގަވާއިދު ނަންބަރު 2024/ޜ-91 (ބޭރު ފައިސާއާބެހޭ ގަވާއިދު) އާއި، ގާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނު 1981) ގެ 24 ވަނަ މާއްދާގެ (ރ) އާއި (ބ)، އުވުނީ އެވެ.
މި ބިލުގައި ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލުއިތަކެއް ދިނުމަށް ހިމަނާފައިވާއިރު، މިހާރު އަމަލުކުރަމުންދާ ގަވާއިދަށް ފާޑުކިޔުން އަމާޒުވެ، އެ ގަވާއިދަށް އަމަލުނުކުރާނެ ކަމަށް 50 އަށްވުރެ ގިނަ ރިސޯޓުތަކުން އެމްއެމްއޭއަށް ވަނީ ކުރިން އަންގާފަ އެވެ.
ނަމަވެސް މި ބިލުގައި ދޭން ހިމަނާފައިވާ ލުއިތަކަކީ ވެސް، ހުރިހާ ފަންތީގެ ރިސޯޓުތަކަށް ފެތޭ ލުއިތަކެއް ނޫން ކަމަށް ބުނެ އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި މައްސަލައިގައި ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޖެހޭނީ 500 ޑޮލަރު މާރު ކުރަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.