އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ނޫސްވެރިންނާ މިއަދު ވާހަކަދައްކަމުން ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު ވިދާޅުވީ މި ހާދިސާގެ ތަހުގީގަށް ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނެ ކަމަށް / ޕޮލިސް
ހަބަރު
ބޮޑު އަލިފާނުގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 ޑިސެމްބަރު 2024
މާލެ ސިޓީ

ސަރުކާރުގެ ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ އިމާރާތްތަކެއްގައި އަލިފާން ރޯވެ އަނދާ ހުލިވުމާ ގުޅިގެން އެ ހާދިސާ ތަހުގީގުކުރުމަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ހޯދަން ނިންމައިފި އެވެ.

އެ ހާދިސާއާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާ ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ ފޮރެންސިކު ޓީމުތަކުން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ސީޕީ އިތުރަށް ވިދާޅުވީ ތަހުގީގުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ހޯދައި އެނަލައިޒްކުރުމާއި، އެ ހާދިސާގެ މަންޒަރު ފުރަތަމަ ފެނުނު މީހުންގެ ބަޔާންތައް ނެގުން ކަމަށެވެ. އަދި އެތަނުގައި އެވަގުތު ތިބި މީހުންގެ އިތުރަށްވެސް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ޝުޖާ ވިދާޅުވި އެވެ.

މި ހާދިސާއަކީ ބޮޑު ހާދިސާއެއްކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ހާދިސާގެ ތަހުގީގު އެންމެ ރަނގަޅަށް ކުރިއަށްގެންދިއުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ނިންމަވާފައިވާ ކަމަށެވެ. އިތުރަށް ޝުޖާ ވިދާޅުވީ ތަހުގީގު ކުރިއަށްދާ މިންވަރަކުން އެންމެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމުގަ އެވެ.

އިރާދަކުރެއްވިއްޔާ މި މަސައްކަތްތަކާ އެކު ރާއްޖޭން ބޭރުގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމަކާއެކު މަސައްކަތް ކުރަން ފެށީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަމުގެ އިތުރު މައުލޫމާތު މާ ލަސްތަކެއްނުވެ ރައްޔިތުންނަށް ފޯރުކޮށްދެވޭވަރަށް މި މަސައްކަތްތައް ދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،

- ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދާ އަޅިއަށްވީ ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ ހުންނަ އިމާރާތާއި އެންވަޔަރަމެންޓު މިނިސްޓްރީ ހުންނަ ގްރީން ބިލްޑިން އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބައެއް ގެތަކަށް ވެސް ދުމުގެ އަސަރުކޮށްފައިވެ އެވެ. އެގޮތުން 7 ގެއަކުން 29 މީހަކު ވަގުތީ ހިޔާއަށް ވަނީ ބަދަލުކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved