ވ.އާރަށުގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންއަށް ކުރި ހަރާންހުކުމްގެ އިސްތިުނާފު މަރުހަލާގެ ހުކުމުކުރުން ވީހާވެސް އަވަހަކަށް ތާވަލްކޮށްދޭނެކަމަށް ހައިކޯޓުން ހާމަކޮށްފިއެވެ.
ހައިކޯޓުން މިފަދައިން ހާމަކޮށްފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ވަޑައިގެންނެވި ވަފްދަށް އެރުވި ޖަވާބުގައެވެ.
އާދިއްތަ ދުވަހުގެ ހެނދުނު ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ވަޑައިގެންނެވި ވަފްދުގައި އިސްކޮށް ތިއްބެވީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއާ އަދި ރައީސް ޔާމީންގެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު މަލީހު ޖަމާލުއެވެ.
އެބޭފުޅުން ހައިކޯޓަށް ވަޑައިގެންނެވުމުން ހައިކޯޓުން ބައްދަލުކުރެއްވީ އެ ކޯޓުގެ މީޑިޔާ އޮފިސަރު އަމީން ފައިސަލްއެވެ. އަމީން ވިދާޅުވި ގޮތުގައި އެގަޑީގައި ކޯޓުގައި ހާޒިރުވެ ހުންނެވީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ އެންމެ ފަނޑިޔާރެއް ކަމަށާ އަނެއް ދެ ފަނޑިޔާރުން ހާޒިރުވެވަޑައިގެން ނޫޅުއްވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަނޑިޔާރުންނާ ވެސް މަޝްވަރާކުރެއްވުމަށް ފަހު ވީ އެންމެ އަވަހަކަށް ރައީސް ޔާމީންގެ ހުކުމުގެ އަޑު އެހުންތާވަލްކޮށްދޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އަޑުއެހުން ލަސްވަމުން ދަނީ ލިޔެކިޔުންތައް ތައްޔާރުކުރުމުގައި ވަގުތު ނަގާތީ ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދައްކަވަމުން ދަރިކަލުން ޒޭން ވަނީ މައްސަލަ ވީހާވެސް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ވަނީ ރައީސް ޔާމީންއަށް އިންސާފު ހޯދައިދިނުމުަގއި ފަަހތު ފަޔަށް ބުރަވެފައިވުމުން އެމަނިކުފާނުގެ އެތައް ހައްގުތަކެއް ގެއްލިފައިވާކަން ފާހަގާކުރައްވާފައެވެ.