ޓެކްސީގެ ކަންތައްތައް ކުރަން ދިމާ ކުރަނީ ވަޒީރުންގެ މަގާމު ވިއްކި އުސޫލުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފްކޮށް ރައްޔިތުންނަށް ޚިދުމަތްދިނުމުގެ ނަމުގައި ކުރަން އުޅެނީ ހެޔޮ ނިޔަތެއް އޮވެގެން ކުރާކަމެއް ނޫން ކަމަށާ އެގޮތުން ޓެކްސީ ލައިން ގެނެސް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އުޅެނީ ސަރުކާރު ބޭނުންވާ ވަކި ބަޔަކަށް ލާރިގަނޑެއް ދޭން ކަމަށަ އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ކެމްޕެއިނަށް ފައިސާ ހޯދަން ކެބިނެޓުގެ މަގާމުތައް ވެސް ވިއްކި އުސޫލުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ނުުރުހުން އަމާޒުކުރައްވާފައެވެ.
ސަރުކާރުން ބޭނުންވާ ބަޔަކަށް އަނެއްކާވެސް ލާރިގަނޑެއް ނަގާފައި ޓެކްސީ ދުއްވުމުގެ ހުއްދަ ދޭން މިއުޅެނީ. އެމީހުން ބުނާހާ ގޮތަކަށް ކަންތައްތައް ކޮށްދޭ ބަޔަކަށް އެމީހުން މިއުޅެނީ ޓެކްސީ ކުރުން ވިއްކާލަން. ސަރުކާރުން ބަޔަކު ލައްވާ ހިންގާކަށް ނޫން މިއުޅެނީ. ހަމަ ޓެކްސީ ކުރާ މީހުންގެ ތެރެއިން މި މީހުން ގުދަށް އޮންނާށެ ބުނެފިއްޔާ ގުދަށް ކޮޅަށް ހުންނާށޭ ބުނެފިއްޔާ ކޮޅަށް ހުންނަ މީހުންނަށް މިއުޅެނީ ބޮޑު އަގުގައި މިއެއްޗެއްހި ވިއްކާލަން. ފެން އޮތްތާކަށް މަސް ދުވާ އުސޫލުން މީހުން ދާނެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ޑްރައިވަރުންނަށް ޕާކް ކުރާނެ ތަނެއް ނުދައްކާ ކާރުތައް ޓޯކުރަމުންދާކަމަށް ފާހަގަކޮށް އެކަމާއި ދެކޮޅަށް ޑްރައިވަރުން ވަނީ އަޑު އުފުލާފައެވެ. މީގެ އިތުރުން ވެސް ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތައް އެ އެއްވުމަށް ފަހު ޑްރައިވަރުން ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ސަރުކާރުން ޓެކްސީ ހިދުމަތް ދޭން ފަށަން ކުރަމުންދާ މަސައްކަތާ ދެކޮޅު ހަދައި ޑްރައިވަރުން ވަނީ ޓެކްސީ ފްލީޓުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލާފައެވެ. އެހެން ނޫންނަމަ ޓެކްސީ ޑްރައިވަރުންގެ މުޒާހަރާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.