ރާއްޖެ ސަރަހައްދުގައި ބާރު ގަދަ ދެ ކޮޅިގަނޑެއް އުފެދިފައިވާތީ މޫސުން ވަރަށް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓު އޮފީހުގައި އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބަންގާޅު ކަނޑުގައި މިއަދު އުފެދުނު ކޮޅިގަނޑާއި ރާއްޖެއާ ދުރުން ދެކުނުގައި އުފެދިފައިވާ ދެ ކޮޅުގަނޑެއްގެ އަސަރުކޮށް މި ހަފުތާގެ ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށެވެ.
މި ދުވަސްވަރަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށް ވާތީ މި ސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
އެގޮތުން ބަންގާޅު ކަނޑުގައި މިއަދު އޮފެދުނު ކޮޅުގަނޑު ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ކައިރިއަށް ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ހަފުތާ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެ ދެ ކޮޅިގަނޑާ ގުޅިގެން ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.
އެ މުއްދަތުގައި އާންމުގޮތެއްގައި ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މެލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ގަދިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އޭގެއިތުރުން އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ މިންވަރަކަށް އަދި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ބުނީ އެ ފަސް ދުވަހު ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލާއި 55 މޭލަށޤ ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވެއެވެ.