March 19, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ރައްޔިތުންގެ ބިންތަކާއި ފްލެޓްތައް ވަގަށް ނެގުމުގައި ސަރުކާރުގެ ތެރޭގައި ބިރެއް ނެތް: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 19, 2024, 12:26 AM
މާލެ ސިޓީ

ރައްޔިތުންގެ ބިންތަކާއި ފްލެޓްތައް ވަގަށް ނެގުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި އެއްވެސް ބިރެއް ނެތް މަންޒަރު ފެންނަމުން ދާތީ، ކުރިގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ނުުރުހުން ފާޅުކުރައްވައިފިއެވެ

Advertisement

ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ސަރުކާރުން، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބިންތައް ލިބުނު މީހުންގެ ލިސްޓުގެ ބޭރުން ހުޅާމާލެއިން ގޯތިތަކެއް މި ސަރުކާރުގައި ދޫކޮށް 406 މިލިއަނުގެ ބޮޑު ވައްކަމެއް އެޗްޑީސީ ތެރެއިން ހިންގާފައިވާކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައިވާ ލިޔުމެއް ހިއްސާ ކުރައްވާ ޑރ. ޖަމީލު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ، ފެންނަނީ ރައީސް މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުވަައްސަސާތައް އަމިއްލަ ބާރުގެ ދަށަށް ގެނައުމުގެ ނުރައްކާކަމަށެވެ. މިއަދު މިފަދަ ބޮޑެތި ތުހުމަތުތައް ބަލާނެ ބަޔަކު ނެތްކަން ހާމަވާ ފަދަ މޭރުމަކުން ޑރ ޖަމީލު ވިދާޅުވީ މިއަދު އޭސީސީ ނުވަތަ ފުލުހުންގެ އިދާރާއިން މިކުށްތަކުގެ ތުހުމަތުތައް މިނިވަންކޮށް ބަލާނެ ކަމުގެ ޔަގީންކަން އޮތީ ކާކަށްތޯ ކަމަށެވެ.

މިހެން މިކަންކަން ހިނގުމުން ސަރުކާރަށާއި، ރައީސްގެ އަތަށް ބާރުތައް ޖަމާ ނުކުރަންވީ ސަބަބު ހާމަވާ ކަމަށާ އޭސީސީ އަދި އީސީވެސް ރައީސްގެ ނުފޫޒުން ސަލާމަތް ކުރަންޖެހެނީ މިފަދަ ކަންކަން ހިނގާތީ ކަމަށްވެސް ޑރ ޖަމީލު ވިދާޅުވިއެވެ.

މިއަދު މިއޮތީ ރައްޔިތުންގެ ބިންތަކާއި ފްލެޓްތަކުން ރައީސް މުއިއްޒުގެ ގާތް މީހުން ކޮންމެ ޖަރީމާއެއް ހިންގިޔަސް ބެލޭނެ ގޮތެއް ނެތިފައިކަމަށާ އެއީ ޚުދު ރައީސް މުއިއްޒު ދެއްވި ލައިސަންސެއް ކަމަށްވެސް ޑރ ޖަމީލު ވިދާޅުވެފައެވެ.

މީގެ އިތުރުން ކަންކަން މިހާ ހިސާބަށް ދިޔުމުންވެސް އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ހިފާ ހައްޔަރު ނުކުރެވިގެން އުޅެނީ ކީއްވެތޯ ސުވާލުކުރައްވާ ޑރ ޖަމީލު ވަނީ މިވަރުގެ ތުހުމަތެއް ރައްޔިތުންގެ ކުންފުންޏެއްގެ ވެރިޔެއްގެ މައްޗަށް ކުރެވުމުން އެންމެ ކުޑަމިނުން މިކަން ބަލައި ތަޙްގީގު ކުރެވެންދެން އެމީހަކު މަގާމުން ދުރުކުރަން ނުވަތަ އިސްތިޢުފާ ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެޗްޑީސީގެ ލިޔެކިޔުންތަކެއް ފޯޖުކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ފުލުހުން އެޗްޑީސީއަށް ވަދެފައިވާ ކަމަށް ވިދާޅުވިއެވެ. މިހާރު ދަނީ ޖިނާއީ ތަހުގީގެއް ކުރަމުން ކަމަށްވެސް ފުލުހުން މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުގައި ހާމަކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 50 ގޯއްޗެއް ވިއްކާ 406 މިލިއަން ރުފިޔާގެ ފައިދާއެއް އެމްޑީ ފަޒުލް ރަޝީދުވެސް ހިމެނޭހެން އެޗްޑީސީގެ ވެރިންނަށާއި މިކަމުގައި ޝާމިލުވާ ހައުސިންގ މިނިސްޓްރީގެ އިސްވެރިންނަށް ލިބިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުންނާ އަދި މީސް މީޑިޔާގައި ދައުރުވަމުންދާ ބައެއް ލިޔެކިޔުންތަކުން ހާމަވާގޮތުގައި، ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒިލް ރަޝީދު ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved