2023 އަހަރުގެ ރިޔާސީ ދައުރު ނިމެން ގާތްވެފައިވަނިކޮށް އިންތިހާބަށް މިދިޔަ ސަރުކާރުން ވިއްދި އެންމެ ވަރުގަދަ ކަނޑައަކީ ފަހި ދިރިއުޅުން ކޮަޕރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދާ ފެށީ ބޯހިޔާ ވަހިކަމުގެ މަޝްރޫއެވެ.
ގޯއްޗާ ފްލެޓު ހިމެނޭ ހެން ފެށި ގެދޮރުވެރިޔާ މަޝްރޫއަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު އޭގެ ތެރެއިން ނިމުނީ އެންމެ 4000 ފްލެޓެވެ. ގިނަ ގޯތިތައް ހުރީ ކަނޑު އަޑިން ކަނޑު ރަސްގެފާނާ އެއްކޮށް ދިރިއުޅެވޭހެން ދޫކޮށްފައެވެ.
ދައުރު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ކުރީ ސަރުކާރުން ވަނީ އެޔެއް މިއެއް ނުބަލާ އަށް އަމާ ތައް އެވައް މަށް އެވައް ކިޔާ އުސޫލުން ބަހާ ހުސްކޮށްލާފައެވެ.
އުސޫލެއް ނެތި ފްލެޓުތައް ބަހާ ހުސް ކުރި ކަމުގެ ޝަކުވާއާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން ފުރާލީ އިސާހިތަކުއެވެ. ޝަރުތު ހަަމވި ނަމަވެސް ފްލޓު ލިބޭނެކަމުގެ ލިޔުމެއް ވެސް ނުލިބޭ މީހުން ގިނައެވެ. އެކަމުގެ ޝަކުވާއެކު އޭސީސީއަށް މަޖްބޫރުވީ ފްލެޓުދިނުން ހުއްޓުވަންށެވެ.
ދުނިޔޭގެ ލަދަށްވެސް ނިމިދިޔަ ފަސް އަހަރު ނިދާފައި އޮތް އޭސީސީއަށް ގޮތް ހުސްވެ ހައުސިން މިނިސްޓްރީއަށް އެންގި ހިސާބުން ހުޅުގަނޑު އަދި އިހުނަށްވުރެ ބޮޑުވިއެވެ. ފްލެޓު ލިބުނު މީހުން ނުލިބޭ މީހުންވެސް ދިޔައީ އޭސީސީގެ ދޮރުގައި ޓަކި ޖަހަމުންނެވެ.
މިހުރިހާ ކަމެއް ހިނގައި ދިޔައިރުވެސް ރައީސް މީހާގެ ބަހަކަށްވީ ހަމަ އެންމެ ބަހެކެވެ. އިހަށް ވެސް ފަހަށްވެސް ވިދާޅުވީ ފްލެޓާ ގޯތި ލިބުނު އެއްވެސް މީހެއްގެ އަތުން އެތަންތަން އަތުނުލާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ އިހަށް ވެސް ފަހަށްވެސް ވިދާޅުވީ އެހެންނެވެ.
ރައްޔިތުން ތިބީ ނުހަނު އުފަލުންނެވެ. ލިބުނު ރޯދި އަތުން ބީވެ ނުދާނެކަމުގެ ޔަގީންކަން ރައީސް މީހާ ދެއްވުމުންނެވެ.
ކަންކަން މިހެން އޮއްވާ ދެތިން ދުވަސް ކުރިން އޭސީސީއިން ވަނީ އެ ތަހުގީގު ނިންމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުން އެނގިގެން ދިޔައީ ފްލެޓ ލިސްޓުގައި އޮތީ ގިނައިން ކޮރަޕްޝަން ކަމެވެ.
ފްލެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަނީ 4048 ފޯމް ބަލާފައެވެ.
އޭގެ ތެރޭގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ 20.7 ޕަސެންޓް ފޯމް ހިމެނޭއިރު، 59.6 އިން ސައްތަ ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ.
ހަމައެއާއެކު 4048 ފޯމްގެ ތެރެއިން 19.7 ޕަސެންޓް ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ. ފްލެޓް ދިން ލިސްޓުގައި ޝަރުތު ހަމަވުމާއެކު އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ކަމަށް ވެސް އޭސީސީއިން ހާމަކޮށްފައިވެއެވެ.
މިހާ ހިސާބަށް ދިއުމުން ހިތާ ހިތާ ސުވާލުތަކެއް ކުރެވެން ފެށިއެވެ. ރައީސް މުއިއްޒު ވެވަޑައިގެންނެވި އުއްމީދުން ފުރިގެންދިޔަ ވައުދަށް ވާނީ ކިހިނެއްބާއެވެ؟ ލިސްޓުގައި އޮތީ ގިނައިން ކޮރަޕްޝަނެވެ. އެހެންކަމުން ނަޒާހަތްތެރިކަމާ އެކު ނިންމެވުމެއް ރައީސް މުއިއްޒަށް ނިންމިދާނެތޯ އާ އެމަނިކުފާނަށް މިކަމުގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރެވޭނީ ކިހާ ވަރަކަށްތޯ މިއީ ހިތުގައި އުފެދުނު ޖަވާބު ހޯދަން އުނދަގޫ ސުވާލުތަކަކަށް ވަނީވެފައެވެ.
އެއްކޮޅުން އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ރުހުން ހޯދަން އެއް މިއެއް ނުބައްލަވާ ވެވަޑައިގެންނެވި ވައުދެވެ. އަނެއްކޮޅުން އެމަނިކުފާނުގެ ނަފްސުގެ އަގު ހިފަހައްޓަވާ ރައްޔިތުން ކުރިމަތީ ނަޒާހަތްތެރިކަން ހާމަކުރައްވަން ޖެހޭ ފަދަ ހާލަތަކެވެ.
ވަގުތާ ހާލަތު މިއޮތީ ރައީސް މުއިއްޒަށް ވަރަށް ބޮޑު އިމްތިހާނަކާ ކުރިމަތިކުރުވާފައިކަން ޔަގީނެވެ. ދެން ވާނީ ކިހިނެއްތޯ ބަލަން ތިބި ރައްޔިތުން މަދެއްވެސް ނޫނެވެ.