އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދަކީ ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި އޮތް މީހެއް ނޫންކަން ހައުސިން މިނިސްޓްރީން އެޗްޑީސީ އަށް އަންގާފައި އޮއްވައި ވެސް އެ ގޯތީގެ ވަށާފާރު ރާނަން ފަށާފައިހުރިކަން ހާމަވެއްޖެ އެވެ.
ނަމަވެސް ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވަނީ މައްސަލަ ދިމާވެގެން އުޅޭ ބިންތަކަށް ދިން ހުއްދަތައް ކެންސަލްކޮށްފައިވާ ކަމަށާއި، އެ ބިންތަކުގައި އިންފާރު ރާނާފައި ނުވާ ކަމަށް ބުނެފަ އެވެ.
ނަމަވެސް ބައެއް ނޫސްވެރިން އެ ސަރަހައްދަށް ގޮސް ބެލިއިރު ފަޒުލް ރޭ ހެއްދެވީ ދޮގުކަން ވަނީ ސާފުވެފަ އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ދެ މީހަކަށް އެއް ގޯއްޗެއް ދިން ހުޅުމާލޭ ލޮޓް ނަންބަރު 20768 ހޯދައިގެން އެތަނަށް ދިޔައިރު އެތަނުގައި އިންފާރު ހުރީ ރާނާފަ އެވެ. އަދި އެތަނުގައި އިންފާރު ރޭނުމަށް ބޭނުންކުރި ސާމާނު ވެސް ހުއްޓެވެ.
އާންމުވެފައިވާ އެޗްޑީސީގެ ލިޔެކިޔުންތަކުން އެނގޭ ގޮތުން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ހޯދަން އުޅެފައި ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ އެއްބަސްވުންތައް ފޯޖުކޮށްގެންނެވެ. އަދި އެ ގޯތިތައް ދޫކުރުމަށް އެދި އެޗްޑީސީން ހައުސިން މިނިސްޓްރީއަށް އެދި ހުށަހެޅުމުން އެޗްޑީސީން އެދުނު ފަރާތްތަކަކީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތެއް ނޫންކަން އެނގިފައިވެއެވެ.
އެޗްޑީސީން ގޯތި ދޭން މަސައްކަތްކޮށްފައި ވަނީ ފަޒުލްގެ އެއްބަނޑުއެއްބަފާ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށެވެ.
ވަގު ލިޔުންތަކެއް ހުށަހަޅައިގެން އެއް ބިމަކަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާކަން އެނގިހުރެ، ވޭތުވެދިޔަ ހަ މަސް ދުވަހު އެކަން ސިއްރު ކުރައްވައި، ފުލުހުންނަށް ހުށަނާޅުއްވައި ހުންނެވުމުން، ފަޒުލް މަސައްކަތް ކުރެއްވީ ބޭބެގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަކަށް އެދި ހުށަހެޅި މީހުންގެ ތެރޭގައި ފަޒުލްގެ ކޮއްކޮ ފަޒީލް ހިމެނެނު ނަމަވެސް އުސޫލުގެ ދަށުން އޭނާގެ ޝަރުތުހަމަނުވާ ކަމަށް އޮތީ ކަނޑައަޅާފައެވެ. އޭނާއަށް ގޯތި ނުލިބުނީ ސަރުކާރުން ކުރިން ހިންގި ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަމެއް ލިބިފައިވާ މީހަކަށް ވާތީއެވެ.
މީސް މީޑިއާގައި އާންމުވެފައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މި ގޮތަށް އެޗްޑީސީން ދިން ގޯތިތަކެއްގެ ވެރިފަރާތް ސާފުކުރަން ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެވެ. މިނިސްޓްރީން ދިން ޖަވާބުގައި ބުނީ އެ ގޯތިތަކަކީ އެއްވެސް ބަޔަކާ އެ މިނިސްޓްރީން ހިންގި ސްކީމުގެ ދަށުން ހަވާލުކޮށްފައި ހުރި ގޯތިތަކެއް ނޫން ކަމަށެވެ.