ޑޮލަރުގެ އަގު ތިރިއަށްދާނެ ކަމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބުނިތާ 13 މަސް ވެގެން ދިޔައިރު ވެސް ޑޮލަރު އަގު ތިރިނުވެ، ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު 20ރ. އަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.
މި ދުވަސްވަރަކީ ސުކޫލު ޗުއްޓީއާ ޑިސެންބަރު އުމްރާއަށް މީހުން ފުރާ ދުވަސްވަރަށް ވުމާ އެކު، ގިނަ ބަޔަކު އަންނަނީ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ.
ދަރިވަރުން ޓާމު ބްރޭކަށް ދިޔައީ ދެ ހަފުތާއަށެވެ. އަލުން ސުކޫލުތައް ހުޅުވައި، ކިޔެވުން ފަށަނީ އަންނަ މަހުގެ ފަހެއްވާ އާދިއްތަ ދުވަހެވެ.
މި ދުވަސްކޮޅު ޑޮލަރުގެ އަގު އިތުރަށް އުފުލެން ދިމާވި ސަބަބަކީ ޑިސެންބަރު އުމުރާއަށް އަދި ސްކޫލުތައް ބަންދުވެ ދަރިވަރުންނަށް ޗުއްޓީ ލިބުމުން ޑޮލަރަށް އޮތް ޑިމާންޑު އިހުނަށްވުރެ، ބޮޑުވުމެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ އަގަކީ 15:42ރ އެވެ. ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރާ އެކި ރޭޓުތައް ކުއްލިއަކަށް ވަނީ އިތުރަށް އުފުލެން ފަށައިފަ އެވެ. މިހާރު އަގުތައް ހުރީ 19.55 އާއި 20.00 ރުފިޔާއާ ދެމެދުގަ އެވެ. އަދި ބައެއް ބްލެކް މާކެޓް އޮންލައިން ޕޭޖްތަކުން އަންނަނީ 20.20ރ. އަށްވެސް ޑޮލަރު ވިއްކަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރު ލިމިޓު އުވައިލާނެކަމުގެ ވައުދުފުޅާ އެކުގައި އެވެ. އަދި ޑޮލަރުގެ އަގު އުފުލިގެން އުޅެން ދެން ނުޖެހޭނެ ކަމަށާއި ދެން ފެންނާނީ ޑޮލަރުގެ އަގު ހެޔޮވަމުން ދާތަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ސަރުކާރަށް 13 މަސް ވީއިރު ރައީސް އެ ވިދާޅުވާ ހާލަތު އަދި އުފަން ނުވެ އެވެ. ޑޮލަރުގެ އަގު ހެޔޮނުވެ ފަތުއަޑު ކިޔައިފާ ދަނީ ބޮޑު ވަމުން ނެވެ. މުޅި ސަރުކާރާއި ދައުލަތް ޑޮލަރަށް ޖެހި "ސައިޒް" ވަނީ އެވެ. ޑރ. މުއިއްޒުގެ ޑޮލަރު ވައުދު ވެސް ވީ ޖަމަލުޖެހިފޮޑިއަށެވެ.