ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ވައްކަމާއި ޖަރީމާތައް ހުއްޓުވޭނީ ރައްޔިތުން އެކަމާ ދެކޮޅަށް ނިކުމެ އަޑުއުފުލައިގެން ކަމަށް ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމު ހިންގުމަށް އިސްކޮށް ހުންނެވި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.
އަކްރަމް މިހެން ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ކުރިއަށް ގެންދާ ބޮޑު ތަހުގީގު އިންސާފުވެރި ނުވާނެ ކަމަށް ބުނެ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
އެމްޑީޕީގެ ފާޑުކިޔުން ފުލުހުންގެ ތަހުގީގަށް އަމާޒުވީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ތުހުމަތު ކުރެވޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ތަހުގީގު ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ފުލުހުން ހާމަކުރުމާ ގުޅިގެންނެވެ.
ފަޒީލް އަކީ އޭނާއަށް ގޯތި ލިބުނު ކަމަށް ބުނާ ހުޅުމާލެ ހިންގާ ކުންފުނި -- އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ބޭބެ އެވެ.
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ފަޒީލް ތަހުގީގަށް ހާޒިރުކުރުމުން އޭނާ އަތުގައި އޮތް ސައްހަ ނޫން ލިޔުމަކީ ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމު ހިންގުމަށް އިސްކޮށް ހުންނެވި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާ ބައްދަލުކުރުމުން އޭރު ދީފައިވާ ލިޔުމެއް ކަމަށެވެ.
ނަމަވެސް އަކްރަމް ވަނީ ފަޒީލްއާ ބައްދަލުކުރެއްވިކަން ވެސް ދޮގުކުރައްވައިފަ އެވެ. އަކްރަމް ވިދާޅުވީ އޭނާ ފަޒީލްއާ ބައްދަލުކުރެއްވި ނަމަ، ޔައުމިއްޔާ ކުރެވިފައި އޮންނާނެ ކަމަށެވެ. ސަރުކާރުގައި އަދާކުރެއްވި މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން އޭނާއަށް ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް އަކްރަމް ވަނީ ވިދާޅުވެފަ އެވެ.
ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ގޮތުގައި ހަދައި، ވިއްކި ގޯތިތަކުގެ މައްސަލައ އިއްޔެ ފަޅައިއެރުމުން، ފުލުހުންނާއި އޭސީސީން ވަނީ މައްސަލައިގެ ތަހުގީގު ފަށައިފަ އެވެ. އަދި އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގެ އެންމެން އަދި ކުންފުނީގެ ބައެއް އިސްވެރިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ފަށާފައިވާއިރު އެ ތަހުގީގުގެ ބޭނުމަށް އަކްރަމްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފަ އެވެ. މީގެތެރޭގައި އަކްރަމް ވެސް ހިމެނެ އެވެ.
އަޅުގަނޑު ފަޒީލްއާ ބައްދަލުކުރި ނަމަ ހައުސިން މިނިސްޓްރީގައި އެ މައުލޫމާތު ހުންނާނެ. އެތަނަކީ މީހަކާ ބައްދަލުކޮށްފިނަމަ އެ ބައްދަލުވުމެއްގެ މައުލޫމާތު ޔައުމިއްޔާ ކުރާ ތަނެއް،
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގާ ވައްކަމާއި ޖަރީމާތައް ހުއްޓުވޭނީ ރައްޔިތުން އެކަމާ ދެކޮޅަށް ނިކުމެ އަޑުއުފުލައިގެން ކަމަށެވެ. އެހެންވެ ރައްޔިތުން އިހްތިޖާޖު ކުރުމަށްވެސް އަކްރަމު އެދިވަޑައިގެންނެވި އެވެ.