ނުހައްގުން ވިނަރެސް ފެލެޓެއް ހޯދި ކަމަށް ތުހުމަތުވާ އަދި އެޗްޑީސީއާ ގުޅޭ ތަހުގީގު ހިންގަމުން އަންނަ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔަކަށް ހުންނެވި ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު، އެ މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ތަރުޖަމާން އަހްމަދު ޝިފާން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖުނީ ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީ ގޮތުން މިހާރު އެހެން ބޭފުޅަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ޝިފާން ވިދާޅުވި ގޮތުގައި، އެ ބަދަލު ގެނައީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މި ވަގުތު ކުރަމުން ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށެވެ.
ވަގު ލިޔުންތަކެއް ހުށަހަޅައިގެން ނުހައްގުން ގޯތިތަކެއް ހޯދި މައްސަލައިގެ ތަހުގީގާ ގުޅޭ މައުމޫލާތު ހިއްސާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިވި ރަޖުނީ ވިނަރެސް ފްލެޓް ހޯދާފައި ވަނީ އުސޫލުން ބޭރުން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ވަނީ ފެތުރިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓްގައި ރަޖުނީގެ ނަން ވެސް އެބަ އޮތެވެ.
ރަޖުނީއާ ބެހޭ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުވާން ފެށީ މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ބިން ނުލިބޭ ބަޔަކަށް ވަގު ލިޔުންތަކެއް ހުށަހަޅައިގެން ބިން ލިބުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވި ފަހުންނެވެ. ވިނަރެސް ފްލެޓްތައް ދޫކުރި ގޮތުގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވެނީ ކުރީ ސަރުކާރު ނިމި، މި ސަރުކާރު އައިއިރު ބާކީ ހުރި ފްލެޓްތައް ދޫކުރި ގޮތުންނެވެ.
އެ މައްސަލައިގެ ތަހުގީގެއް ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ތަހުގީގާ ބެހޭގޮތުން ޖެހިގެން އައި ދުވަހު ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ރަޖުނީ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. ރަޖުނީއާ ގުޅޭ މައްސަލައެއް ބަލަން ފެށިއިރު، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ވެރިޔަކީ ވެސް އޭނާ އެވެ.
އެޗްޑީސީއަށް އަމާޒުކޮށް ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެތެރޭގައި ހިމެނެނީ ބިންވެރިޔާ ސްކީމުގެ ދަށުން ކަމަށް ބުނެ އުސޫލުން ބޭރުން ބިންތަކެއް ދިނުމާއި ނުއަގުގައި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުންނަށް ބިން ވިއްކުން އަދި މަޝްރޫއުތަކުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ދޫކުރުމެވެ.
ގޯތި ވައްކަމުގެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ.