
ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން މީގެ އަހަރެއްހާ ދުވަސް ކުރިން ދައްކަން ފެށި ވާހަކަތަކަކީ ސާފު ސީދާ ތެދުކަން މިހާރު ދަނީ ހާމަވަމުން ކަމަށް އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ މިރޭ ޕީއެންއެފްގެ ޖަލްސާ އޮންނަކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓަކާ އެކު، ގައުމުގެ ކަންކަމަށް ނަޒަރު ހިންގަވާލައްވާއެވެ.
ދިވެހިރާއްޖެ ހަމަ މަގުން ކައްސާލި ހިނދު ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ފެއްޓެވި ސިޔާސީ ހަރަކާތްކަމުގައިވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)އިން މީގެ އަހަރެއްހާ ދުވަސް ކުރިން ދައްކަން ފެށި ވާހަކަތަކަކީ ސާފު ސީދާ ތެދުކަން މިހާރު ދަނީ ހާމަވަމުން ކަމަށް މަލީހު ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމުގެ ދިފާއުގައި ޕީއެންއެފްއިން ކުރަމުންދަނީ އަގުހުރި މަސައްކަތެއް ކަމަށްވެސް އޭނާވަނީ ހާމަކުރައްވާފައެވެ.
ދުވަސްވަރަކީ ގައުމުގައި ސަރުކާރުގެ ތެރެއިން ބޮޑެތި ވައްކަންތައް ކޮށް ރައްޔިތުންގެ ހައްގުތަކަށް ވެރިން ޚިޔާނާތްތެރިވަމުންދާ ދުވަސްވަރެއްކަމުގެ އަޑުތައް ގަދަވެފައިވާއިރު އެކަންކަމަށް އިޝާރާތްކޮށް ޕީއެންއެފުން ދަނީ ސަރުކާރު ވެރިން ޖަވާބުދާރީކުރުވަން މަސައްކަތްކުރަމުންކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔާސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ.










