ރައީސް މުހައްމަދު މުއިއްޒުއަކީ އަމިއްލަ ކޮއްކޯފުޅުގެ ފިރިމީހާވުމުން މުންކަރާތްތައް ހަލާލުވުމުގައި ލައިސަންސް ލިބެނީތޯ އައްސަވާ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ސުވާލެއް އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފަށް އަމާޒުކުރައްވައިފިއެވެ.
ޑރ ޖަމީލުގެ ސުވާލެއް ޝައިޚު ލަތީފަށް އަމާޒުކުރެއްވީ، ދައުލަތުން ކޮރަޕުޝަނާއި، ޚިޔާނާތް ނައްތާލައި، ކަންކަން އިޞްލާޙުކޮށް، ހެޔޮވެރިކަމެއް ކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ދެއްވުމަށް އެދި ޝައިޚު ލަތީފު އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ ޖަމީލު ވަނީ ޝައިޚު ލަތީފުމެން ފަދަ ބޭފުޅުން މިހާރު މި ދައްކާ ވާހަކަތަކާ މެދު ސުވާލު އުފެދޭ ކަމަށާ ދައުލަތުގެ ވެރިމީހާގެ ސީދާ ގެކޮޅުން ރިޝްވަތު ބަހާއިރު އެއީވެސް ދައުލަތުގެ ތެރެއިން ނޭނގި ހިނގާ ކަމެކޭ ލަތީފުމެން ފަދަ ބޭފުޅުން ވިދާޅުވަނީތޯ ވެސް ޑރ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.
އިޙްސާންތެރިކަމުގެ ބަދަލު ދީނުގައި އޮތީ ކިހިނެއްތޯ ސުވާލުއުފައްދަވާ ޑރ ޖަމީލުގެ ޕޯސްޓުގައި ވަނީ ތަކުރާރުކޮށް ދޮގުހެދުން، ވައުދާ ޚިލާފުވުން، އަމާނާތަށް ޚިޔާނާތްތެރިވުމާ މެދު ދީނުގެ ހުކުމަކީ ކޮބައިކަމާ އެވާހަކަ ރައީސް މުއިއްޒުއަށް ހަނދުމަފުޅުކޮށް ދެއްވަންތޯ އައްސަވާވެސް ސުވާލު އަމާޒުކުރައްވާފައެވެ.
މި ބޭފުޅުން މިވިދާޅުވަނީ ކީކޭބާ؟ ދައުލަތުގެ ވެރިމީހާ ސީދާ ގެކޮޅުން ރިޝްވަތު ބަހާއިރު އެއީވެސް ދައުލަތުގެ ތެރެއިން ނޭނގި ހިނގާ ކަމެކޭތޯ؟
— Mohamed Jameel Ahmed (@MJameelAhmed) December 22, 2024
އިޙްސާންތެރިކަމުގެ ބަދަލު ދީނުގައި އޮތީ ކިހިނެއްތޯ؟
ތަކުރާރުކޮށް ދޮގުހެދުން، ވައުދާ ޚިލާފުވުން، އަމާނާތަށް ޚިޔާނާތްތެރިވުން، ކިހިނެއްތޯ އޮތީ… https://t.co/sAdmp3mIMf pic.twitter.com/7oqSo1Y7dV
މީގެ އިތުރުން ޝައިޚު ލަތީފުގެ ކޮއްކޯފުޅު، ރައީސް މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެއްދުވަހު ކަރޯކޭ، އަނެއްދުވަހު ފިރިހެނުންނާ ސަލާމް ކުރުން ހުއްދައީތޯ އައްސަވާ ޑރ ޖަމީލު ވަނީ
ސަމޯއާ އެގްރީމެންޓް ބެއްލެވިންތޯއާ ވަކި ބަޔަކު ވެރިކަމުގައި ލާދީނީ ވެފައި، ކޮއްކޯފުޅުގެ ފިރިމީހާ ވީމާ، ހުރިހާ މުންކަރާތެއް ޙަލާލް ވީތޯ ވެސް ސުވާލުކުރައްވާފައެވެ.
ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ޅިޔަނު އިލްޔާސް އިބްރާހިމުފަދަ ބޭފުޅުންނަށް ފާޑުވިދާޅުވެފައި، މިއަދު ކޮއްކޯފުޅުގެ ފިރިމީހާގެ ވެރިކަމުގައި ޙައްގު ބަސް ކިރިޔާ ދުންބުރުއްސާ ފަދައިން ނުކުންނަނީ ލިބުނު ވަޒީފާގެ ބިރުންތޯވެސް އައްސަވާ ޑރޖަމީލު ވަނީ ޝައިޚު ލަތީފުގެ ޕޯސްޓަށް އަމާޒުކުރައްވާ ނުރުހުން ފާޅުކުރައްވާފައެވެ.
ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލުވަނީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މިގައުމުގައި އޮތީ އިސްލާމްދީންކަމާ އެހެންކަމުން ޙަލާލް ޙަރާމަކަށް ބަދަލެއް ނާންނަކަން ވެސް ފާހަގަކުރައްވާފައެވެ.