ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ދޮށީ ފިރިހެން ދަރިފުޅު ހައްޔަރުކޮށްފިއެވެ.
ބޮޑެތި ޒަކަމްތަކަކާ އެކު އަމިއްލަ ގޭގައި ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. 30 އަހަރުގެ މޫސާ ރިމްޒީ ހައްޔަރުކުރީ، އޭނާގެ މަންމަގެ މަރާ ގުޅިގެން ބަޔަކު ދައްކަމުން ދިޔަ ވާހަކައެއްގެ ތެރެއިން ހިނގި ދެބަސްވުމެއްގައި މާރާމާރި ހިންގައިގެން ކަމަށް ފުލުހުން މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުގައި ހާމަކޮށްފައިވެއެވެ.
އޭނާ މިއަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ. ދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރިމްޒީ ވަނީ އަހުމަދު ޝުޖާއު ނަމަކަށް ކިޔާ މީހެއް ގައިގައި ޖަހައި މާރަމާރި ހިންގާފައެވެ.
އެހެންވެ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ކުރިމަތި ވެދާނެ ކަމަށް ފެންނާތީ އާއި އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް އެ އަމުރުގައި ވެއެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އަދި މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ. ނަމަވެސް ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ތަހުގީގުގެ މިހާތަނަށް ފެނިފައި ނުވާކަމަށް ބުނެފައެވެ.
ޒަކިއްޔާ މަރާލީ ކަމަށް ބުނެ އެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން ދޭތެރެދޭތެރެއިން އިހުތިޖާޖަށް ނުކުމެ، އަޑު އުފުލައެވެ.