

ނ. ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ފުލުހުން ބޮޑެތި ގޯސްތަކެއް ހަދާ އެ ގޯސްތައް ފޮރުވާ މައްސަލަ އޮއްބާލަން މަސައްކަތްކުރަމުންދާއިރު ޖެންޑާރ މިނިސްޓަރު ކޮބައިތޯ އަހާ ހޮޅުދޫގެ ރައްޔިތުންގެ ސުވާލެއް އަމާޒުކޮށްފިއެވެ.
ޒަކިއްޔާގެ މަރަށް އެއް އަހަރު ފުރިގެން ދިޔައިރުވެސް އިންސާފު ލިބިފައިނުވާއިރު އެކަމުގައި ކްރައިމް ސީނާ މެދު ފުލުހުން އަމަލު ކުރި ގޮތާ އަދި ގާތިލު ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ ޒަކިއްޔާގެ ފިރިމީހާއާ ފުލުހުންގެ އިސްވެރިންތަކަކަށް އޮތް ގާތްގުޅުމުން މައްސަލައަށް ނުފުޒު ފޯރުވާ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް އޮތްއިރު ޖެންޑަރ މިނިސްޓްރީއިން އެކަމުގައި އެއްވެސް ވަރަކަށް މަސައްކަތްނުކުރާތީ ހޮޅުދޫގެ ރައްޔިތުން ވަނީ މިނިސްޓަރު އައިޝަތު ޝިހާމު ކޮބައިތޯއާ އަދި އެކަމަނާގެ ދައުރު، އެކަމަނާގެ ޒިންމާ އެކަމަނާ އަދާނުކުރައްވާކަމުގެ ތުހުމަތު އަމާޒުކޮށްފައެވެ.
ހޮޅުދޫގެ ރައްޔިތުންގެ ތުހުމަތުކުރާ ގޮތުގައި ފުލުހުން ވަނީ ޒަކިއްޔާގެ މައްސަލަ އޮއްބާލަން ރިޝްވަތުގެ ކަޅު ފައިސާގައި ޖެހިފައެވެ. އެހެންކަމުން ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން އިސްތިއުފާދީ އަދި މި މައްސަލައިގައި އެންއައިސީއިން ފިޔަވަޅު އަޅަން އެދުނު ފުލުހުންގެ އިސްވެރިންނާ މެދު ފިޔަވަޅު އަޅާ ދައުވާ ކުރުން އަވަސް ކުރަން ޖެހޭ ކަމަށްވެސް ގޮވާލާފައެވެ.
ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ހޮޅުދޫ ރައްޔިތުންނަށް ހެދީ ދޮގު ކަމަށާ އެހެންކަމުން ދެން އެ ރައްޔިތުން އުއްމީދުކުރަންވީ ކޮން ބޭފުލެއްގެ ނުވަތަ ކޮން މުއައްސަސާއެއްގެ ފަރާތުން ކަން މިހާރު ސުވާލު އުފެދޭ ކަމަށްވެސް އެ ރަށުގެ ރައްޔިތުން ވަނީ ބުނެފައެވެ.