theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް
ސިޔާސީ
ފުލުހުންގެ އިދާރާއަކީ ޓެކްސް އިންތިހާއަށް ހޭދަވާ، ނަތީޖާ ސުމެއްގެ ތަނަކަށް ވެއްޖެ: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
10 އޯގަސްޓު 2025
މާލެ ސިޓީ

ފުލުހުންގެ އިދާރާއަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިންތިހާއަށް ހޭދަވާ ނަތީޖާ ސުމެއްގެ ތަނަކަށް ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ބެލަކަންޏަކުން ވެއްޓި ނިޔާވި ވިފާގު އިބްރާހިމު އަދުނާނުއާ ހޮޅުދޫގައި ބޮޑެތި ޒަކަމްތަކަކާ އެކު ނިޔާވެފައިވާ އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރު ފަދަ މައްސަލަތަކަށް އިންސާފު ނުލިބި ދިގު ދެމިގެން ދާ ދިއުމާ ގުޅިގެން ޑރ ޖަމީލު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވަނީ، ބޮޑަތި ކުށްތަކަށް އެއްވެސް އިންސާފެއް ރާއްޖޭގައި މިއަދު ނުލިބޭ ކަމަށާ އޭގެ ނަތީޖާއަކަށް ވެގެން ދަނީ ބޮޑެތި ކުށްތަކަށް އަރައިގަތުން އިތުރުވުން ކަމަށެވެ. ރަހުމެއް ނެތި އެތައް ބަޔަކު މަރާ ގަތުލުކޮށް ގޮތް ނޭނގޭ ގޮތަށް މަރުތައް އިތުރުވެފައިވާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ޒަކިއްޔާގެ އާއިލާއިން ކަރުނަ އަޅާ ރުއި ރުއިންތަކުގެ އަޑު ފުލުހުންގެ މުއައްސަސާއަށް ނުއިވުނު ކަމަށެވެ.

ބެލްކަންޏަކުން ވެއްޓި ނިޔާވި ވިފާގުގެ މަރު އިންސާފުވެރިކޮށް ތަހުގީގެއް ވެސް ކޮށްނުދިން ކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ ދުނިޔެއިން އެކުއްޖާ ވަކިވި ޙާލަތުގެ ޒިންމާ އުފުލަން ޖެހޭ ބަޔަކު ތިބި ކަމަށް ސަބަބުވެރި ވިސްނުމުގެ ވެރިން ދުށް ނަމަވެސް އެ މައްސަލައަށް ވެސް ނުފޫޒުގެ ބޭނުންކޮށް ފަސްއަޅާ ފޮރުވި އެތަކެއް މަރުތެރޭ ވިފާގުގެ މަރުވެސް ވެފައިވާ ކަމަށެވެ.

މިފަދަ ކަންކަމުގައި އިންސާފު ހޯދުމަށް ކަމާ ގުޅުން ހުރި އިދާރާތަކުގައި ޚާއްސަކޮށް ފުލުހުންގެ އިދާރާގައި އާދޭސްކޮށް މީހުން ވަރުބަލި ވެއްޖެކަމަށާ ފުލުހުންގެ މުއައްސަސާ ދެން ޖެހޭނީ އައު ފައުންޑޭޝަނަކުން ފަށަން ކަމަށް ވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންނަށް އިޚްލާސްތެރި ފުލުހުންތަކެއް އަލުން ބިނާކުރަން ޖެހިފައިވާ ކަމަށާ މިއަދު ތިބި ބައެއް ފުލުހުްނނާ އެކު އެ މުއައްސަސާވެފައިވަނީ ޚަރަދު ބޮޑު، ޓެކްސް ފައިސާ އިންތިހާއަށް ހޭދަވާ ނަތީޖާ ސުމެއްގެ ތަނަކަށް ކަމަށްވެސް ވިދާޅުވެ ޑރ ޖަމީލު ވަނީ މިއަދު ރައްޔިތުންގެ އިތުބާރު އެ މުައްސަސާއަށް ނެތްކަން ދޭހަވާ ފަދަ މޭރުމަކުން ލިޔުއްވާފައެވެ.

އިންސާނުންގެ ނަފުސާ ފުރާނައަށް އިންސާފު ހޯދައި ނުދެވުމުގެ މާނައަކީ ގާނޫނު އެއްކޮށް ފެއިލްވުން ކަމަށާ ގާނޫނުގެ ހުކޫމަތު ނުހިނގާ ތަނަކަށްވުން ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައިވެެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved