

އެއީ މީގެ ބަރާބަރު އެއް އަހަރު ކުރިއެވެ. ހެނދުނުގެ އިރު ނ.ހޮޅުދޫ ރައްޔިތުންނަށް ފެނުން ތޮޅިލީ ނާމާން ކަމާ ބުރިވެރިކަމުގެ ތެރެއަށެވެ. ހަމަހިމޭން ސުލްހަވެރި އެ މާހައުލުގައި އެދުވަހު ގުގުމަމުން ދިޔައީ ބިރުވެރިކަމުން ފުރިފައިވާ ހިތްތަކެއްގެ ކެކުޅުމާ ރުއިމުގެ އަޑެވެ. ދުވަހަކުވެސް ރަށުގައި ހިނގާފާނެ ކަމަށް ގަބޫލުކޮށްގެން ނެތްކަމެއް ރަށުގެ ފަސްގނަޑުގައި ހިނގާ މުޅި ރަށުގައި މޮޅިވެރިކަމުގެ ސާލެއް ދެމިގެން ދިޔައެވެ.
އެ ރަށު މާރަނގަ ޒަކިއްޔާ މޫސާ މަނިކު، އަނިޔާވެރި މަރަކުން ނިޔާވެފައި އޮއްވާ ފެނުނީ އެ ދުވަހުގެ ފަތިހު ރަށުގެ ކުނި ނަގަމުން ދިޔަ ޕިކަޕްގެ މުވައްޒަފުންނަށެވެ. އެއާއެކު މުޅި ރަށު ތެރޭގައި ހޭލަމޭލައަށް މީހުންތައް އުޅެން ފެށީ ޒަކިއްޔާއަސް ވީ ގޮތެއް ނޭނގި އޭނާއަށް ބޮޑެތި ޒަޚަމްތަކެއް ލިބި މަރުވެފައި އޮތްއޮތުމުގެ ހަގީގަތް ހޯދުމަށާ އޭނާއަށް އަވަސް ފަރުވާ ހޯދުމަށް ޑޮކްޓަރެއްގެ އެހީ ހޯދުމަށެވެ.
ނަމަވެސް ހަށިގަނޑު ޑޮކްޓަރާ ހަމައަށް ގެންދެވުނުއިރުވެސް ފުރާނަ އޭގެ ވެރި އިލާހުގެ ހަޟްރރަތަށް ދަތުރުކޮށްފިއެވެ. އިންނާ ލިއްﷲ ވައިންނާ އިލައި ރާޖިއޫންއެވެ.
ޒަކިއްޔާގެ މަރަކީ އަމިއްލައަށް މަރުވި މަރުވުމެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެ މަރަކީ އެއީ އަމިއްލައަށް މަރުވ މަރުވުމެއް ނޫން ކަމަށް ގިނަ ބަޔަކު އިއްތިފާގު ވަނީ ލިބިފައި ހުރި ބޮޑެތި ޒަޚަމްތަކަކީ މީހަކު އަމިއްލައަށް އަމިއްލަ ނަފްސަށް ދެވިދާނެ ފަދަ އަނިޔާތަކެއް ކަމަށް ސަބަބުވެރި އިންސާނެއްގެ ސިކުނޑިއަށް ނުވިސްނޭތީއެވެ.
ޒަކިއްޔާގެ މަރުގައި ފުލުހުންގެ އިހުމާލު އެބައޮތް ކަމަށް ފުލުހުންގެ އިސްވެރިން ލައިވް ޓީވީގައި އިއުތިރާފުވެފައިވާއިރު އެކަންކަން ބަލާ ތަހުގީގުކޮށް އިންޓަރގްރިޓީ ކޮމިޝަނުން ފިޔަވަޅު އަޅަން ބުނި މީހުންނާ މެދު ފިޔަވަޅު އެޅުނުތޯ މިއީ މަރުގެ ހާދިސާއަށް އަހަރެއް ވެގެން ދިޔައިރު އެ ރަށުގެ ރައްޔިތުން އުފައްދާ އެންމެ ބޮޑު ސުވާލެވެ. މާލޭގެ ގެއެއްގެ ފުރާޅެއްގެ މަތިން އަންހެނަކު ވެއްޓި ލިބުނު އަނިޔާތަކުގައި އަމިއްލަ ޒިންމާ އޮތްއިރުވެސް ދިވެހި ސަރުކާރުން އެ މައްސަލަ ބެލުމުގައި ޚާއްސަ ގޮތްތަކެއް ގެންގުޅެއް އަވަސް ނިޔާއަކާ ހަމައަށް ދަތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވާ އެ ހާދިސާގެ މައުލޫމާތު އަވަސް މަގަކުން އެއްކޮށް މައްސަލައިގެ ކުންނާ ހަމައަށް ސަރުކާރުން ފީނައިގަތް ބާރުމިން ފެނި ހޮޅުދޫ ރައްޔިތުން ބުނީ އެ ފެންނަނީ އަތޮޅު ތެރެއާ މާލެ ރައްޔިތުންގެ މެދުގައި ރައީސް މީހާ ގެންގުޅޭ ތަފާތު ކުރުން ކަމަށެވެ.
ހޮޅުދޫ ރައްޔިތުން، ޒަކިއްޔާގެ މަރަށް އިންސާފު ހޯދަން ރަށުގެ މަގުތަކުގައި އިހުތިޖާޖު ކުރަން ފެށުމުން ފުލުހުން ނެރެ އުމުރުން ދުވަސްވީ މީހުންނަށްވެސް އަނިޔާކޮށް ހެދިއިރު، މާލޭގެ މަގުތަކުގައި ޒުވާނުންތަކެއް ނުކުމެ ތިން ރޭ ހަމައަށް މުޒާހަރާކޮށްލުމުން ސަރުކާރުން ބިރުން ސައިޒްވެ އެމީހުންގެ ޑިމާންޑްތައް ފުރިހަމަކުރިކަން ހޮޅުދޫ ރައްޔިތުން ފާހަގަކުރަނީ އަސަރާ ނުރުހުމާ އެކުއެވެ.
ހޮޅުދޫ ރައްޔިތުން ބުނަމުން ދަނީ ޒަކިއްޔާގެ މަރަށް އިންސާފު ހޮދަން އުނދަގޫ ވެގެން އުޅެނީ އެދުވަހު ފުލުހުންގެ ވެރިންގެ ގޮތުގައި ހޮޅުދޫގައި ތިބި މީހުންގެ ބޮޑު އިހުމާލުން ކަމަށްވާއިރު އެއިން މީހަކާ މެދު ފިޔަވަޅު ނޭޅުމަކީ ސަރުކާރުން ޒަކިއްޔާގެ މަރަށް އިންސާފު ހޯދަން ބޭނުންނުވާކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ރައްޔިތުން ތުހުމަތުގެ އިނގިލި ދިއްކުރާ އެއް ފަރާތަކީ އޭނާގެ ފިރިމީހާ ކަމަށްވާއިރު ހޮޅުދޫގެ ގިނަ ރައްޔިތުން ބުނާ ގޮތުގައި ރައީސް މުއިއްޒަށް މިކަމުގައި ފިޔަވަޅުތަކެއް އަޅަން ނުކުރޭނެ ކަމަށާ އެއީ ރައީސް މުއއިްޒުގެ ދޮންބައްޕާފުޅުގެ ގެއަކީ މިކަމުގައި ތުހުމަތު އަމާޒުވާ މީހާގެ ވިޔަފާރިން ބައެއް ހިނގާ ތަނަަށްވެފައި މި ކަމުގައި ރައީސް މީހާގެ މަސްލަހަތު ހިމެނޭތީ ކަމަށެވެ.
މަނަދުގައި ނިޔާވި ނައީމާގެ މަރުގައި ފުލުހުން ކަންކުރި ގޮތާ، މާޅޮހުގައި ނިޔާވި އަބްދުއްރަހުމާނުގެ މަރުގައިވެސް ފުލުހުން ކަންކުރި ގޮތާ ޒަކިއްޔާގެ މަރުގައި ކަންކުރި ގޮތްވެސް ހާސްބައި ތަފާތު ހުރިކަން އެއީ ފެންނަ ލޮލަކަށް ފުސްކަމެއް ނެތި ހާމަވާނެ ހަގީގަތެއްކަމަށް ހޮޅުދޫ ރައްޔިތުން ދަނީ ކެނޑިނޭޅި ބުނަމުންނެވެ.
ކޮންމެ އަކަސް ޒަކިއްޔާގެ މަރަށް އަހަރެއް ވެގެންދާއިރު، ފެންނަނީ މައްސަލަ އަޅާނުލާ ވާން އެއްޗެއް ވާން ދޫކޮށްލާފައިވާ މަންޒަރު ކަމަށް ހޮޅުދޫ ރައްޔިތުން ގަބޫލުކުރެއެވެ. އެ ރައްޔިތުން ހާމަކުރާ ގޮތުގައި، ރައީސްގެ އެދިވަޑައިގަތުމަކަށް މައްސަލަ ހުޅުވާފައިވާ ބޭއްވި ކަމަށް ރައިސް ވިދާޅުވި ނަމަވެސް އެކަމުގައި ކުރިއެރުމެއް ނުލިބޭ ކަމަށާ ކަން ހިނގި ގޮތް އަވަސް ގޮތެއްގައި ބަލާ ނިޔާއެއް ކަނޑައެޅުމަށް ޔުމްނުގެ މައްސަލައިގައި ރައީސް އަމަލުކުރެއްވި ސްޕީޑުގައި އަމަލު ނުކުރައްވާ ސަބަބުން ވެސް ޒަކިއްޔާގެ މައްސަލައިގައި ދައުލަތުގެ އިހުމާލު އޮތް މިންވަރު ހާމަވާ ކަމަށެވެ.
އެހެންކަމުން ތަފާތު ކުރުމެއް ނެތި ހަމަހަމަކން ގާއިމުކުރައްވާ ކަމަށް ރައީސް މީހާ ވިދާޅުވި ނަމަވެސް، ޒަކިއްޔާގެ މަރުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ފެންނަމުން ދަނީ ހުސް އިހުމާލު ކަމަށް ހޮޅުދޫ ރައްޔިތުން ދަނީ އަޑު ހަރުކޮށް ބުނަމުންނެވެ. އަދި އެއީ މާލޭގެ މަގުތަކުގައި އިހުތިޖާޖު ކުރުމާ ރަށްރަށުގެ މަގުތަކުގައި އިހުތިޖާޖު ކުރުމުގައި ހުރި ފަރަގު ކަމަށާ އެއާއެކު ރައީސް މީހާގެ ކަންފަތްޕުޅާ ހަމައަށް އަޑު ފޯރުމުގައިވެސް ތަފާތު އުޅޭކަން ހާމަވާ ކަމަށްވެސް ހޮޅުދޫގެ ރައްޔިތުން ބުނެއެވެ.