theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޒަކިއްޔާއަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން / ތޭރަ އޮންލައިން
ހަބަރު
ހޮޅުދޫ ރައްޔިތުން ސަރުކާރަށް: އިންތިހާބުތައް އެބަ އާދޭ، ޒަކިއްޔާގެ މައްސަލައިގައި ޖަވާބުދާރީވޭ
Mariyam Isaadha
މަރިޔަމް އިސާދާ
12 ސެޕްޓެމްބަރު 2025
މާލެ ސިޓީ

އިންތިހާބުތައް ދުވަހެއް ދުވަހަކަށް ގާތްވަމުން އަންނައިރު، ހޮޅުދޫ ރައްޔިތުންގެ ގާތަށްވެސް ސަރުކާރުގެ ވެރިން އަންނަން ޖެހޭނެ ކަމަށާ އެހެންކަމުން ވަގުތު އޮއްވާ ޒަކިއްޔާ މުސާގެ މަރުގެ މައްސަލައިގައި އިހުމާލުވި ވުމާމާމެދު ވެރިން ޖަވާބުދާރީވުމަށް އެ ރަށުގެ ރައްޔިތުން ގޮވާލައިފިއެވެ.

ޒަކިއްޔާ ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނުތާ އަހަރެއް ވެގެން ދިޔައިރުވެސް ތަހުގީގު ވާނުވާ ބާއްވާ އިންސާފަށް ހަމައަށް ވާސިލުވެފައިނުވާތީ އިންސާފަށް އެދި ގޮވާލާ ހޮޅުދޫ ރައްޔިތުން ވަނީ ހުކުރު ދުވަހު އެ ރަށުގައި އެއްވުމެއް ބާއްވާފައެވެ.

އެ އެއްވުމުގައި ރަށުގެ ރައްޔިތުން ވަނީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އެގޮތުން ރަށުގެ ރައްޔިތުން ވަނީ ޒަކިއްޔާގެ މަރުގެ ހާދިސާ ތަހުގީގުގައި ފުލުހުން ވަނީ އިހުމާލުވެފައި ކަމަށާ އެހެންކަމުން އިހުމާލުވީ ފުލުހުންނާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި މަސައްކަތްކުރަމުން ދިޔަ ތަން ބަދަލުކޮށް މަގާމުގެ ކުރިއެރުންވެސް ދީފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ހޮޅުދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވީ ހުސް ދޮގު ވާހަކަތަކެއް ކަމަށާ އެހެން ކަމުން އެ ރަށުގެ ރައްޔިތުން ދެން ސަރުކާރާ މެދު ކުރާނެ އުއްމީދެއް ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ޒަކިއްޔާއަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން

ހަމައެހެންމެ، ހޮޅުދޫ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި ފުލުހުން ވަނީ ޒަކިއްޔާގެ މައްސަލަ އޮއްބާލާ ރިޝްވަތުގެ ކަޅު ފައިސާގައި ޖެހިފައެވެ. އެހެންކަމުން ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލާއެވެ. އަދި މީގެ އިތުރުން އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒުއާ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންވެސް ޒަކިއްޔާގެ މަރުގެ މައްސަލަ އޮއްބާލުމަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންދާކަމަށްވެސް ހޮޅުދޫގެ ރައްޔިތުން ތުހުމަތު ކުރެއެވެ.

މިހުރިހާކަމެއް މިހެން ހުރިއިރު އިންތިހާބުތައް ފުލުފުލުގައި ގާތްވަމުން އަންނަކަން ހަނދާން އައުކޮށްދީ ހޮޅުދޫގެ ރައްޔިތުން ބުނެފައިވަނީ އެ ދުވަހަކުން ސަރުކާރުގެ ވެރިން ހޮޅުދޫ ރައްޔިތުންގެ ފައި ބުޑަށް ނައިސް ނުވާނެ ކަމަށާ ޒަކިއްޔާގެ މަރުގެ ކަންކަމުގައި އިންސާފު ހޯދައި ނުދީ އައިސްފިނަމަ އިސްލާމީ އުސޫލުން އިންސާފު ހޯދާނެ ކަމަށެވެ.

ކުރިއަށް ހުރި އިންތިހާބުތަކުގައި ހޮޅުދޫ ރައްޔިތުންނާ ސަރުކާރުން ކުރިމަތިލާން ޖެހޭނެ، އެހެންވީމަ ޒަކިއްޔާގެ މައްސަލައިގައި ޖަވާބުދާރީވޭ

- ހޮޅުދޫ ރައްޔިތުން
ޒަކިއްޔާއަށް އިންސާފު ހޯދައިދޭން ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން

ޒަކިއްޔާއަކީ އަންހެނަކަށްވީއިރު ޒަކިއްޔާގެ މަރަށް އިންސާފު ހޯދައި ނުދީ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކަށް ޖެންޑާރ މިނިސްޓްރީއިން ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ނުކުރާތީ ރައްޔިތުން ފާޑުކިޔާފައިވެސް ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved