

ރައީސް ޑރ މުހައްމަދު މުއިއްޒުއާ ފުލުހުންވެސް ހޮޅުދޫ ރައްޔިތުން ކުރިމަތީ ހެދީ ކަނޑައެޅިގެން ދޮގު ކަމަށް އެ ރަށުގެ ރައްޔިތުން ހާމަކޮށްފިއެވެ.
ނ. ހޮޅުދޫ، މާރަނގަ ޒަކިއްޔާ މޫސާ ބޮޑެތި ޒަޚަމްތަކަކާ އެކު އަނިޔާވެރި މަރަކުން މަރާލާފައިވާ މައްސަަލައަށް އެހަރެއް ވެގެން ދިޔައިރުވެސް އެ މަރުގެ ހާދިސާއަށް އިންސާފެއް ނުލިބި މައްސަލަ ވާނުވާގައި ބާއްވާފައި އޮންނަ އޮތުމާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ އެއްވުމާ ގުޅިގެން ޗެނަލް13 އަށް މައުލޫމާތު ހިއްސާ ކުރަމުން އެ ރަށުގައި އެކަމުގައި އިސްކޮށް އުޅުއްވާ ރައްޔިތުން ވަނީ ސަރުކާރުން އަމަލު ކުރަމުންދާ ގޮތާ މެދު ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ޒަކިއްޔާގެ މަރުގެ މައްސަލައިގައި ކަންކުރަމުންދާ ދޯހަޅި ސިޔާސަތުގެ ސަބަބުން އެ ރަށު ރައްޔިތުންގެ ނުރުހުން ސަރުކާރަށް އޮތްކަން ހާމަވެފައިވާތީ ރައީސް މުއިއްޒު އެންމެ ފަހުން ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހޮޅުދޫއަށް ވަޑައިގެން ދުނިޔޭގެ ލަދަށް އެ ރަށު ރައްޔިތުންނާ ބައްދަލުކުރި ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދައިދެވިފައި ނުވާކަން އެ ރަށު ރައްޔިތުން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހޮޅުދޫއަށް ވަޑައިގެންނެވުމަށް މާލެ ވަޑައިގެންނެވިތާ 2 މަސް ދުވަސް ފާއިރުވެއްޖެ. އަދި ނެތް ސަރުކާރުގެ ފަރާތުން އެއްވެސް ކުރިއެރުމެއް. އެހެންވީމަ އަޅުގަޑަށް ބެލެވެނީ ފުލުހުން ހަދަމުން ދިޔަ ދޮގާ އެއްކޮށް ރައީސް ވެސް ހޮޅުދޫ ރައްޔިތުންނަށް ހެދީ ދޮގޭ. މިއީ ސިޔާސީ ފޯރަމެއް ނޫން. އެކަމުގައި ބުނަން ޖެހޭ އެއްޗެއް ބުނަން ޖެހޭ ގޮތަށް އެބަ ޖެހޭ ބުނަން. އަޅުގަޑުމެން ވެސް ރައީސް މުއިއްޒަށް ސަޕޯޓު ކުރަން. އެކަމަކު އިންސާފަށް ލޯބި ނުކުރަންޏާ ސަޕޯޓެއް ނުކުރެވޭނެ. އިންސާފު ނެތިގެން ގެނައި ސަރުކާރެއް އެއަށް ވުރެ ގޯސްވީމަ ދެން ބަސް ބުނަން ޖެހޭނެ.
ހޮޅުދޫ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ގާނޫނުގެ ތެރެއިން ޒަކިއްޔާގެ މަރަށް އިންސާފު ނުލިބޭނެއެވެ. ނަމަވެސް ﷲގެ ކުޅަދުންވަންތަ ކަމުން ހޮޅުދޫ ރައްޔިތުން ޒަކިއްޔާއަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތުގެ ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.